މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީ އިން ބާކީ އެއް މެޗު އޮއްވާ، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ގްރޫޕް އެޗްގައި ހިމެނޭ އެސްޓީއޯ އިން ވަނީ 3-1 ގެ ނަތީޖާއަކުން ޓީމް އެލައިޑް ބަލިކޮށްފައެވެ. ގްރޫޕް ޖީގައި ރޭ ކުޅުނު މެޗުގައި އެޗްޑީސީން ވަނީ 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެމްއެމްއޭ ސޯޝަލް ކްލަބު އަތުން މޮޅުވެފައެވެ.
އެސްޓީއޯ އަށް މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް އެލައިޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކްލަބު ތިންވަނައިގައި އޮތް އިމިގްރޭޝަނަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެލައިޑަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެންމެ ފުލުގައި އޮތް މުލީއާގޭ ރެކްރިއޭޝަން ކްލަބަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް ކަޓާފައެވެ.
ރޭގެ މެޗުގައި އެސްޓީއޯ އިން ޖެހި ފުރަތަމަ ލަނޑު، 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނާން އަހުމަދު އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަރަކަށް މިނެޓުގެ ތެރޭގައި އިސްމާއިލް އީސާ (މެސީ) ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. އެކަމަކު، އޭގެ 8 މިނެޓުފަހުން އެލައިޑްގެ ހަސަން ނަޒީމް (ޗޯޓު) ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މެޗު ނިމުމުގެ ކުރީން، އީސާ ވަނީ އިތުރު ގޯލެއްޖަހައި އެސްޓީއޯ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި އިމިގްރޭޝަނުން ވަނީ 6-1 އިން މުލީއާގެ ބަލިކޮށްފައެވެ. މި މެޗުގައި އިމިގްރޭޝަންގެ ޝާމިލް ރަޝީދު ދެލަނޑުޖެހިއިރު، އަނެއް ގޯލްތައް ކާމިޔާބުކޮށްދިނީ ކައިސާން ބިން ހިސާން، އަހުމަދު ފައްރާހު އާއި މުހައްމަދު ރިފްޝާން އަދި ހުސެއިން ނިޔާޒު އެވެ. މުލީއާގެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ އާދަމް ރިޝާދު އެވެ.
އެޗްޑީސީން ރޭގެ މެޗުގައި އެމްއެމްއޭ ކޮޅަށް ޖެހި 10 ލަނޑުގެ ތެރެއިން، ހަތަރު ގޯލްޖަހައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. އަނެއް ގޯލްތައް ޖެހީ އަހުމަދު ސިޒާން، އަބްދުﷲ ޝާފިއު (ޝާއްޕޭ) އާއި އަބްދުﷲ ވިސާމް އަދި ޔާމިން މުހައްމަދު އެވެ. އެމްއެމްއޭގެ ދެލަނޑުޖަހައިދިނީ އިބްރާހިމް ސައިފް އާއި މުހައްމަދު ފައިޒަމް އެވެ.
ދިވެހި ސިފައިންގެ ކްލަބުން 6-4 އިން ކްލަބް ޓީޓީއެސް ބަލިކުރިއިރު، އެ ޓީމުގެ މުހައްމަދު އަލާއު ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ހަސަން ފަވާޒު ދެ ގޯލާއި، އަބްދުﷲ ޝައިހާން ޖަލީލް ގޯލެކެވެ. ޓީޓީއެސްގެ ޝިފާޒް އާދިލް ހެޓްރިކެއް ހެދިއެވެ.
ރޭގެ މެޗުތަކަށްފަހު އެޗްޑީސީ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސިފައިންގެ ކްލަބާއި ތިންވަނައިގައި އެމްއެމްއޭ ޓީމު އޮތީ ތިން ޕޮއިންޓާއެކު އެވެ. ސިފައިންގެ ކްލަބަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ދެ މެޗުން ބަލިވި ކްލަބު ޓީޓީއެސް އަށް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުން ކަޓާފައެވެ.
