ހިކިމޭބިސްކަދުރަކީ ގުދުރަތީ ގޮތުން މީރު ފޮނި ރަހައެއް އޭގައު އެކުލެވޭ މޭވާއެކެވެ. އަދި އޭގައި ހަކުރު އަދި ކެލޮރީސް ގިނަ އަދަދަކަށް ހުރެއެވެ. ނަމަވެސް ކެއުމުގައި އާދައިގެ މިންވަރަކަށް ކެއުމުން އަހަރެމެންގެ ސިއްހަތަށް އެ ހަކުރަކުން ގެއްލުމެއް ނުލިބޭނެއެވެ.
"ރެއިސިން"ގެ ނަމުން މަޝްހޫރު ވެފައިވާ ހިކިމޭބިސްކަދުރަކީ ފަނޑު ރީނދޫ، މުށި ނުވަތަ މާމުއި ކުލައިގައި ހުންނަ މޭވާ ތަކެކެވެ. ހިކިމޭބިސްކަދުރަށް ކުލަ ލިބެނީ އޭގެ ރޯ މޭބިސްކަދުރުންނެވެ. ހިކިމޭބިސްކަދުރަކީ ރޯ މޭބިސްކަދުރު އަވިން ހިއްކުމުން ހުންނަ ގޮތެކެވެ. އާންމު ގޮތަކީ އަވިން ހިއްކުމެވެ. ނަމަވެސް ބައެއް މެޝިންފަދަ ތަކެތި ބޭނުން ކޮށްގެންވެސް ހިއްކާ ހަދައެވެ.
ހިކިމޭބިސްކަދުރު އާންމުކޮށް ބޭނުންކުރަނީ:
. ސެލެޑް ޓޮޕިންގ އެއްގެ ގޮތުގައެވެ.
. "އޯޓްމީލް" އަށް މަސްހުނިކޮށްގެންނެވެ.
. ޔޯގަޓް ތައްޔާރުކުރުމުގައެވެ.
. "ގްރެނޯލާ" ނުވަތަ "ސީރިއަލް" ތައްޔާރު ކުރުމަށެވެ.
. އަދި މީރު ކުކީސް، ރޮށި، އަދި މުފިން ފަދަ ތަކެތިން ފިހެފައި ވެސް ހުރެދާނެ އެވެ.
. އެންމެ އާންމު ގޮތަކީ ރޮލާ ކެއުމެވެ.
ހިކި މޭބިސްކަދުރަކީ އޭގެ މިނުން ކުޑަ އެއްޗެއް ނަމަވެސް، މިއީ ހަކަތައިން ފުރިފައިވާ އަދި ފައިބަރާއި ވިޓަމިންސް އަދި މިނަރަލްސް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ހިކިމޭބިސްކަދުރަކީ ހަޖަމުކުރުމަށް އެހީތެރިވެދީ، ދަގަނޑުގެ މިންވަރު އިތުރުކޮށްދީ، ކަށިތައް ވަރުގަދަކޮށް ބެހައްޓައި ދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
މީގައި ހުންނަ ކެވެނީގެ މާއްދާތަކަށް ބަލާލާއިރު އިސްވެ ބުނެވުނު ފަދައިން މިއީ ހަކުރު ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. އެހެންކަމުން ކެއުމުގައި ކޮންމެވެސް ވަރަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހަކުރު ހުންނަ މީހުން މާ ގިނައިން ކެއުން ރަނގަޅެއް ނޫނެވެ. ނަމަވެސް ކުޅިވަރު ކުޅޭ އެތްލީޓުންނަށް އެމީހުންގެ ކުޅިވަރުގައި ހަކަތަ ޖައްސައިދިނުމަށް ހިކިމޭބިސްކަދުރަކީ މޮޅު ކެއުމެކެވެ.
ބަނޑުގެ ހަމަޖެހުމަށާއި ފަސޭހަކަމާ އެކު ފާހާނާ ކުރުމަށާއިގެ ވައިގެ އެކި އެކި އުނދަގޫތަކުން ދުރުކޮށްދިނުމަށް ހިކިމޭސްބިސްކަދުރުގައި ހުންނަ ފައިބަރުގެ މާއްދާ އެހީތެރިވެދެއެވެ. އެހެންކަމުން މިއީ ފަތިހާ ހުސްގޮހޮރާ ހުރެ ކާލަން ރަނގަޅު އެއްޗެއް ކަމަށް ބައެއް ޑަކްޓަރުންނާ ހަކީމީބޭސްވެރިން ވިދާޅުވެއެވެ. ކެލްސިއަމް އާއި ދަގަނޑުގެ މާއްދާ އަކީޗެސް މިއިން ލިއްބައިދޭ މުހިންމު މާއްދާތަކެވެ. ކެލްސިއަމާއި ދަގަނޑުގެ މާއްދާ އެކުވެ ކަށިތައް ވަރުގަދަ ވުމަށް އެހީތެރިވެދެއެވެ. އަދި ދަގަނޑުގެ މާއްދާގެ ސަބަބުން ލޭގައި ހުންނަ ތަރުލޭހަތާތަކުގައި ހުންނަ އޮކްސިޖަން އުފުލާ ބައި ކަމުގައިވާ ހިމޮގްލޮބިންގެ ދުޅަހެޔޮކަން އިތުރުވެދެއެވެ.
ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކޮށްދިނުމަށް އެހީތެރިވެދޭ އެންޓި އޮކްސިޑަންޓްސް އަކީ ހިކިމޭބިސްކަދުރުގައި ގިނަ މާއްދާއެކެވެ. ފެނޯލްސް އާއި ޕޮލީފެނޯލްސް އަކީ ހިކިމޭބިސްކަދުރުން ފެންނަ މީގެ ދެ މާއްދާއެވެ. ހަމަ އެއާއިއެކު ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބެކްޓީރިއަލް މާއްދާތަކެއްވެސް ގިނަ އަދަދަކަށް ހިކިމޭބިސްކަދުރުން ފެނިފައި ވެއެވެ.
ރޯމޭބިސްކަދުރާއި ހިކިމޭބިސްކަދުރުގައި ގާތްގަނޑަކަށް ްެއެއް މާއްދާތަކެއް ހުރިނަމަވެސް ރޯމޭބިސްކަދުރު އަވިން ހިއްކުމުން، އޭގެ ތާސީރަށް ބަދަލު އައިސް މާއްދާތަކުގެ ތާސީރަށް ބަދަލު އާދެއެވެ. މައެއް މާއްދާތައް އިތުރުވެ އަނެއްބައި މާއްދާތައް މަދުވެ ދެއެވެ. ހިކިމޭބިސް ކަދުރަކީވެސް ކެެއުމުގައި ހިސާބަކަށް ބޭނުން ކުރުން ރަނގަޅު މޭވާއެކެވެ.
