ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 30/18 ފުޓްސަލް ފިއެސްޓާގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެމްޕީއެލް އަތުން 5-2 އިން ދިވެހި ސިފައިންގެ ކްލަބު ބަލިވިއިރު، ޓީމު ފެނަކައިން 17-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު ޔޫތު މިނިސްޓްރީ ބަލިކޮށްފިއެވެ.
މި ނަތީޖާއާއެކު ފެނަކަ އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިފައިންގެ ކްލަބެވެ. ތިންވަނައިގައި އޮތް ވެމްކޯ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެމްޕީއެލް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ވެމްކޯ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މިފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެންމެ ކުރީގައި އުޅޭ ހަތަރު ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. އަނެއް ޓީމު ކަޓާނެއެވެ.
އެމްޕީއެލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ސިފައިންގެ ޓީމުން ވަނީ ލީޑްނަގާފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިފައިންގެ ޓީމަށް މި ލަނޑުޖަހައިދިނީ ބަންގްލަދޭޝްގެ ފޯވާޑް މަޓްސުޝީމާ ސުމައްޔާ އެވެ. އޭގެފަހުން، މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި އެމްޕީއެލްގެ މިސް ނަޓާމޮން އާޓްކްލާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.
އަދި އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ފާތިމަތު ސާލިޔާ ވައްދާލި ލަނޑުން ފުރަތަމަ ފަހަރަށް އެމްޕީއެލް އިން ލީޑްނެގިއެވެ. އެކަމަކު، މި ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް ސިފައިންގެ ޓީމުގެ ފާތިމަތު އަފްޒާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ މިނެޓެއްފަހުން، ނަޓާމޮން ވަނީ އަނެއްކާވެސް އެމްޕީއެލް އަށް ލީޑްނަގައިދީފައެވެ.
މެޗު ނިމުމުގެ ކުރީން، އެމްޕީއެލްގެ ތައިލެންޑް ކުޅުންތެރިޔާ ނަޓާމޮން ވަނީ އިތުރު ދެ ގޯލްޖަހައިދީ، ހެޓްރިކް ފުރިހަމަކޮށް އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ.
ކްލަބް ޔޫތު މިނިސްޓްރީގެ ޓީމާ ދެކޮޅަށް ފެނަކައިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 10 ލަނޑުޖަހާފައެވެ. އަދި ފަހު ހާފުގައި އިތުރު 7 ލަނޑުޖެހިއެވެ. މި މެޗުގައި ޓީމް ފެނަކައިގެ ރާނީ މުލްޔާ ސާރި ހަ ލަނޑުޖެހިއިރު، މިސް ޖިރަޕްރަޕާ ޓުޕްސޫރީ ފަސް ލަނޑުޖެހިއެވެ. ކެޕްޓަން ޝަހުލާ ތައުފީޤު (ތުއްތުނާ) ހެޓްރިކް ހެދިއިރު، މަރިޔަމް ނޫރާ އާއި މަރިޔަމް ވިޝާޔާ އަދި އައިޝަތު ސަމާ ގޯލެއް ޖެހިއެވެ. ކްލަބް ޔޫތު މިނިސްޓްރީގެ ހަމައެކަނި ލަނޑުޖަހައިދިނީ މަރްޔަމް އަހުމަދު އެވެ.
