މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ކްލަބް ވެމްކޯ އިން މި ފަހަރުގެ މުބާރާތުގެ ތިންވަނަ މޮޅު ހޯދިއިރު، ފެން ކްލަބުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މޯލްޑިވިއަން އަތުން އާރްއާރްސީ މޮޅުވީ 2-0 އިންނެވެ. ވެމްކޯ އިން ވަނީ މިފްކޯ ރެކްރިއޭޝަން ކްލަބް ކޮޅަށް 8 ލަނޑުޖަހާފައެވެ.

ފުރަތަމަ ދެ މެޗުގައި ޓީމް މީޑިއާ ކައުންސިލް އާއި މީޑއާނެޓް އަތުން މޮޅުވި އާރްއާރްސީ އިން މިރޭ މޯލްޑިވިއަންގެ މައްޗަށް 2-0 އިން ކުރިހޯދިއިރު، ކޮންމެ ހާފަކު ވަނީ ގޯލެއް ޖަހާފައެވެ. މި މެޗުގައި އާރްއާރްސީގެ ދެ ލަނޑުވެސް ޖެހީ އަލީ ހާފިޒް (ހާއްޕެ) އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި މާލެ ސިޓީ ކައުންސިލުން ވަނީ 3-0 އިން މީޑިއާނެޓް ބަލިކޮށްފައެވެ. މި މެޗުގައި މާލެ ސިޓީ ކައުންސިލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އެވެ. އަނެއް ލަނޑުޖަހައިދިނީ އިބްރާހިމް ޝަހުދު އެވެ.

މިފަހަރުގެ މުބާރާތުގައި ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ކްލަބް މޯލްޑިވްސް / އިމޭޖަސް.އެމްވީ

ގްރޫޕް އޭ ގައި މިފްކޯ ކޮޅަށް ވެމްކޯ އިން ޖެހި 8 ލަނޑުގެ ތެރެއިން އަލީ ހޮދާދީ އާއި އަހުމަދު އައިހަމް އަދި އަލީ ޝިޔާހު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކުރިއެވެ. އަނެއް ލަނޑުތައް ޖަހައިދިނީ އިސްމާއިލް ވަޖީހު އާއި އަބްދުﷲ ޝައްފާން (ޝާކާ) އެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި ޓީމު އެމްޓީސީސީއާ 1-1 އިން އެއްވަރުވެ، ފެން ކްލަބުން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ވެމްކޯ ހިމެނޭ މި ގްރޫޕުގައި އެ ޓީމަށް ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮވެ، ދެވަނަ ބުރަށް ދަތުރުކުރިިއިރު، ދެވަނައިގައި އޮތް ފެން ކްލަބުން ތިންވަނައިގައި އޮތް އެމްޓީސީސީ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މިއާއެކު، ފެން ކްލަބަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ފޯރިގަދަވި މި މެޗުގައި ކުރީން ލީޑްނެގީ އެމްޓީސީސީ އިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފާރޫޤް އިސްމާއިލް އެވެ. މި ނަތީޖާގައި އޮވެ ނިމެން ދަނިކޮށް، މެޗުގެ އިތުރުވަގުތުގައި ފެން ކްލަބަށް ޕޮއިންޓެއް ކަށަވަރުކޮށްދީ ދެވަނަ ބުރަށް ގެންގޮސްދިނީ ނާއިފް ޝަފީގް އެވެ. އޭގެ ކުރީން، އެމްޓީސީސީގެ އަހުމަދު މުއާޒް އާއި އަލީ ސުޖާއު އަދި ފެން ކްލަބުގެ ރައްޒާން ޖައުފަރަށް ވަނީ ރަތް ކާޑު ދައްކާފައެވެ.