ބޮލީވުޑްގެ ދެ ސުޕަރސްޓާރުން ކަމަށްވާ ސަލްމާން ޚާނާއި ޝާހްރުކް ޚާން ވެސް މަސްތުވާތަކެތި ބޭނުންކުރާކަމަށް އިންޑިއާގެ މަޝްހޫރު ޔޯގާ ގުރޫ 'ބާބާ ރާމްދޭވް' ބުނެފިއެވެ. ރާމްދޭވަކީ އިންޑިއާގެ އެތައް ބައެއްގެ ސަމާލުކަން ހޯދައިފައިވާ މީހެކެވެ. އަދި އޭނާ ބުނާ ކޮންމެ ވާހަކައެއް ހެން އިންޑިއާގެ ގިނަ ރައްޔިތުން ޚާއްސަކޮށް ހިންދޫން ޤަބޫލުކުރެއެވެ.
"އެންޓި-ޑްރަގް ކެމްޕެއިން"ގެ ނަމުގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އިއްޔެ އެތައް ބައެއްގެ ކުރިމަތީގައި ރާމްދޭވް ވަނީ ސަލްމާން ޚާނާއި ޝާހްރުކް ޚާނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ދެ ތަރިން ކަމަށް ބުނެފައެވެ. "ޝާހްރުކް ޚާންގެ ދަރިފުޅު (އާރްޔަން ޚާން) 'ޑްރަގް ޕާޓީ'އެއްގައި މަސްތުވާތަކެތި ބޭނުންކުރުމުން ހައްޔަރުކުރި، ޝާހްރުކް ޚާން މަސްތުވާތަކެތި ބޭނުންކުރޭ، އަދި ސަލްމާން ޚާން ވެސް... އާމިރު ޚާންގެ ގޮތެއް ނޭނގޭ! ކިތައް ކިތައް މީހުންނަށްތޯ އެނގެނީ ކޮން ކޮން ފިލްމީ ތަރިންނެއް ކަން މަސްތުވާތަކެތި ބޭނުންކުރަނީ! ފިލްމް އިންޑަސްޓްރީ މިހާރު ވެސް މަސްތުވާތަކެތިން ފުރި ބަންޑުން ވެދަނީ! ބަލައިލި ކޮންމެ ދިމާލަކުން ވެސް މަސްތުވާތަކެތި" ރާމްދޭވް ވާހަކަ ދެއްކިއެވެ.
މިދިޔަ އަހަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ނުވުމުގެ ސަބަބުން މާ ގިނަ ދުވަސްތަކެއް ނުވެ ވަނީ ދޫކޮށްލައިފައެވެ. އަދި ހަމައެހެންމެ ޝާހްރުކާއި ސަލްމާނާ ބެހޭ ގޮތުން ރާމްދޭވް މި ދެއްކި ވާހަކަތަކުގައި އޮތީ ކިހާވަރެއްގެ ޙަޤީޤަތެއް ކަމެއް ވެސް ނޭނގެއެވެ. ރާމްދޭވްގެ މި ވާހަކަތަކަކަށް އަދި މިހާތަނަށް ޝާހްރުކްގެ ވެސް ސަލްމާންގެ ވެސް ބަހެއް ލިބިފައެއް ނުވެއެވެ.
ސަލްމާން ޚާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކިސީ ކީ ބާއީ ކިސީ ކީ ޖާން" އާއި "ޓައިގަރ 3" ހިމެނެއެވެ. އަދި ދިގު މެދުކެނޑުމަކަށްފަހު ޝާހްރުކްގެ ވެސް 3 ފިލްމެއް 2023ގައި ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި "ޑުންކީ"އާއި "ޕަތާން"ގެ އިތުރުން "ޖަވާން" ހިމެނެއެވެ. އަދި މި 2 ތަރިން އެކީ ވެސް މީގެ ތެރެއިން 2 ފިލްމަކުން ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ. އެއީ "ޓައިގަރ 3" އާއި "ޕަތާން"އެވެ.
