މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އާއި ލަވަކިޔުންތެރިޔާ ޖެސީ ރަދަރފޯޑް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ދާދިފަހުން މިދެމީހުން އެކުގައި ވަގުތުހޭދަކުރަނިކޮށް ފެނިފައިވާކާމަށް ބައެއް މީޑިއާ ސައިޓްތަކުގައި ވަނި ރިޕޯޓްކޮށްފައެވެ. އެންމެ ފުރަތަމަ މި ދެމީހުން ފެނިގެން ދިޔައީ ވެޖިޓޭރިއަން ރެސްޓޯރެންޓެއްގައި ރޭގަނޑު ކާން ތިއްބައެވެ.

އޭގެ ދެ ދުވަސްފަހުން ބިލީ އައިލިޝް ޔުނިވަރސަލް ސްޓޫޑިއޯސްގައި ހެލޮވީން ހޮރޯރ ނައިޓްސްއަށް ގޮސް އުޅެނިކޮށް މީހަކު ނަގާ ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއަކުން ފެނިގެންދަނީ ބިލީ އައިލިޝް ފިރިހެނެއްގެ އަތުގައި ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.  ވީޑިއޯ އާންމުކުރި ފަރާތުން ބުނަނީ އެއީ ޖެސީ ރަދަރފޯޑް ކަމަށެވެ.

ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރުނަމަވެސް ދެމީހުންކުރެ މީހަކު އަދި މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފަނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ގާތް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާ އައުޓްލެޓްތަކުން ރިޕޯޓްކޮށްފައިވާގޮތުން މި ދެމީހުންނަކީ ވަރަށް ކުރީއްސުރެވެސް ރައްޓެހިންނެވެ.

ބިލީ ކުރިން އުޅުނީ އެކްޓަރ މެތިއު ޓެއިލަރ އާއި ރައްޓެހިވެގެންނެވެ. މިދިޔަ އަހަރުގެ އޭޕްރީލްގައި ދެމީހުން އެކީގައި ވީކެންޑެއް ހޭދަކޮށްލަން އުޅެނިކޮށް ފޮޓޯގްރާފަރުންނަށްވަނީ ފެނިފައެވެ.

އޭގެ ކުރިން އަހަރެއްހާ ދުވަސް ވަންދެން ރެޕަރ ބްރޭންޑަން ކުއެންޓިން އެޑަމްސްއާވެސް ބިލީ ޑޭޓްކޮށްފަވެއެވެ. މި ދެމީހުން ބްރޭކްއަޕްވީ 2019 ވަނަ އަހަރުގައެވެ. 2021 ވަނަ އަހަރު އެޕަލްޓީވީ ޕްލަސް އިން ނެރުނު އޭނާގެ ޑޮކިއުމެންޓަރީ، 'ބިލީ އައިލިޝް: ދަ ވޯރލްޑްސް އަ ލިޓިލް ބްލަރީ' ގައި އެ ބްރޭކްއަޕާ ގުޅޭގޮތުން ބިލީވަނީ ވާހަކަ ދައްކާފައެވެ. އޭގައި ބިލީ ބުނެފައިވަނީ އެ ގުޅުމުގައި ވަކި ހިސާބަކުން ދެމީހުން ބޭނުންވާކަންކަން ތަފާތުވެ މައްސަލަތައް ޖެހެން ފެށުމުން ދެމީހުންނަށްވެސް އެންމެ ރަނގަޅުގޮތަކީ ވަކިވުން ކަމަށްވާތީ ބްރޭކްއަޕްވާން ނިންމީކަމަށެވެ.

ބިލީއަކީ އޭނާގެ ޒާތީ ކަންކަމާ ވާހަކަ ދައްކާ އުޅޭ ތަރިއެއް ނޫނެވެ. މިއަހަރުގެ ސެޕްޓެބަރުގައި ދިން އިންޓަރވިއުއެއްގައި ބިލީ ބުނެފައިވަނީ، އޭނާ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭކަން ނުވަތަ ނޫންކަން މީހުންނަށް އަންގަން ބޭނުން ނުވާކަމަށެވެ. ކުރިން އެގޮތަށް މީހުންނަށް އަންގައިގެން އުޅުމުން ކުރެވުނު ތަޖުރިބާ ރަނގަޅު ނޫން ކަމަށްވެސް ބިލީ ވަނީ ބުނެފައެވެ.

ބިލީ މިހާރު ރައްޓެހިވެގެން އުޅޭކަމަށް އަޑު ފެތުރިފައިވާ ޖެސީ ރަދަފޯރޑްވަނީ މީގެ ކުރިން 6 އަހަރުވަންދެން މޮޑެލް ޑެވިން ލީ ކާރސަންއާ ރައްޓެހިވެގެން އުޅެފައެވެ. އެ ދެ މީހުން ބްރޭކްއަޕްވެފައިވަނީ މި ދިޔަ އަހަރުތެރޭގައެވެ.