ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް އެޗްޑީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ގްރޫޕް ސްޓޭޖު ނިންމާލިއިރު، ދިވެހި ސިފައިންގެ ކްލަބާއި ޓީމް އެލައިޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އެސްޓީއޯ އިން ވަނީ ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުން މުލީއާގެ ރެކްރިއޭޝަން ކްލަބް އަތުން 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެ ގްރޫޕުގެ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ކްލަބް އިމިގްރޭޝަން އަތުން އެލައިޑް މޮޅުވީ 2-0 އިންނެވެ. މި ނަތީޖާއާއެކު އެސްޓީއޯ އަށް އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ސައްތައިން ސައްތައިގެ ރެކޯޑާއެކު ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އެލައިޑް އޮތްއިރު، ތިންވަނައިގައި އޮތް އިމިގްރޭޝަނަށް ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މުލީއާގޭ ޓީމެވެ.

އެސްޓީއޯ އިން ޖެހި 10 ލަނޑުގެ ތެރެއިން އިސްމާއިލް އީސާ (މެސީ) އާއި ހަސަން މުހައްމަދު އަދި އަހުމަދު ޒިފާން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހިއެވެ. އަނެއް ހަތަރު ލަނޑުޖެހީ ހުޒައިފަތު ރަޝީދު، އިޔާން އަހުމަދު އާއި މުހައްމަދު ސަނީމް އަދި އަލީ އިފާޒް އެވެ.

އިމިގްރޭޝަން ކޮޅަށް އެލައިޑުން ވައްދާލި ދެ ލަނޑުޖަހައިދިނީ އިބްރާހިމް ހާމިދު އާއި މުހައްމަދު އިސާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހާސިލްކުރީ އެލައިޑްގެ ހާމިދު އެވެ.

މި މުބާރާތުގައި ކްލަބް އެޗްޑީސީއާ ދިވެހި ސިފައިންގެ ކްލަބު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ކްލަބް މޯލްޑިވްސް / އިމޭޖަސް.އެމްވީ

އެޗްޑީސީން 5-2 ގެ ނަތީޖާއަކުން ކްލަބް ޓީޓީއެސް ބަލިކުރިއިރު، އެ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ސިޒާން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަބްދުﷲ ވިސާމް އެވެ.

ސިފައިންގެ ކްލަބުން 6-2 އިން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކުރިއިރު، އަލީ ޝިމާހް އާއި މުހައްމަދު އަލާއު އަދި އިބްރާހިމް އަހުމަދު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ ޝިމާހު އެވެ.

މި ގްރޫޕުގެ އެއްވަނަ އަށް އެޗްޑީސީ ދިޔައިީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ސިފައިންގެ ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި އޮވެ ނިންމާލި އެމްއެމްއޭ އަށް ލިބުނީ ތިން ޕޮއިންޓެވެ. މުޅިން އަލަށް މުބާރާތުގައި ވާދަކުރި ޓީޓީއެސް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި މިރޭ ކުޅޭ މެޗުތަކުގައި އެމްޕީއެލްއާ ދެކޮޅަށް ކްލަބް ޔޫތު މިނިސްޓްރީ ނިކުންނައިރު، އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ވެމްކޯ ނިކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.