ރާޖްޝްރީ ޕްރޮޑަކްޝަންސްގެ ފިލްމު އޫނޗާއީގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ އަމީތާބް ބައްޗަން، އަނޫޕަމް ޚޭރް، ބޯމަން އިރާނީ، ނީނާ ގުޕްތާ، ސާރިކާ އަދި މީގެ އިތުރުން ޕަރިނީތީ ޗޯޕްރާއާ ނަފީސާ އަލީ ސޯދީއާއި ޑެނީ ޑެންޒޮންގްޕާއެވެ. ސޫރަޖް އާރް ބަރްޖާތިޔާ ޑައިރެކްޓްކޮށްފައިވާ އޫނޗާއީ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 11 ގައެވެ.

ޓްރެއިލަރ ފެށިގެންދަނީ މައުންޓް އެވަރެސްޓްގެ ހިތްގައިމު މަންޒަރުތަކާއެކުގައެވެ. އަދި ފަރުބަދައަށް އަރަމުންދާ ޓްރެކަރުންގެ ގްރޫޕެއް ލީޑް ކުރަމުންދާ ޕަރިނީތީ ޗޯޕްރާގެ އަޑުއިވިގެންދެއެވެ. ޕަރިނީތީ އެމީހުންނަށް ބުނަނީ ހިނގުން ނުހުއްޓާ ކުރިއަށްދާނަމަ ވަރުބަލި ނުވާނެކަމަށެވެ. ފިލްމުން މައިގަނޑު ގޮތެއްގައި ފެނިގެންދާނީ ދުވަސްވީ ރައްޓެހިންގެ ގްރޫޕެއްގެ އެކަކު މަރުވުމުން، މައުންޓް އެވަރެސްޓް ފަރުބަދައަށް އެރުމަށް އޭނާ ދުށް ހުވަފެން ހަޤީޤަތަކަށް ހަދައިދޭން ބާކީތިބި އޭނާގެ ރައްޓެހިން ފަރުބަދައަށް އަރަން ކުރާ މަސައްކަތެވެ.

އެވަރެސްޓަށް އެރުމުގައި އެމީހުންނަށް ކާމިޔާބުވާނެތޯ ނުވަތަ ނޫންތޯ އިނގޭނީ ފިލްމު ރިލީޒްކުރުމުންނެވެ.

ނޭޕާލާއި އިންޑިއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޑައިރެކްޓަރ ސޫރަޖް ބަރްޖާތިޔާ 7 އަހަރަށްފަހު ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.