ކޮވިޑް 19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާ އަށް މިއައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރުފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް އެމްއެމްއޭ އިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދަނީ ދޫކުރަމުންނެވެ. ބޭރުފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމަކަށްވާތީ، އަނެއްކާވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް މި އޮތޯރިޓީން ވަނީ ނިންމާފައެވެ. މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަމުން ގެންދިއުމަށްވެސް އެމްއެމްއޭ އިން ވަނީ ނިންމާފައެވެ. ކޮވިޑް 19 ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ. މިގޮތުން 15 ޖުލައި 2020 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވުމާއި ގުޅިގެން ރާއްޖެ އަށް ވަނީ އެމަހުގެ ނިޔަލަށް 1752 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ މަހުންމަހަށް އިތުރުވަމުންނެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 18،918 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެވެރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ހަ ދުވަހުއެވެ. އެހެންނަމަވެސް މި ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މުއްދަތު ވަނީ 9 ދުވަހަށް އިތުރުވެފައެވެ. މީގެ އިތުރުން އިމާރާތްކުރުގެ ސިނާއަތްވެސް މަޑުމަޑުން ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ.
