މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ޓީމް ފެނަކަ އާއި އެއާޕޯޓަށް ނިސްބަތްވާ ތިން ޓީމު ދެވަނަ ބުރަށް ދަތުރުކުރިއިރު، ހިތްދަތިގޮތަކަށް ޔުނައިޓެޑް ބީއެމްއެލް ކަޓައިފިއެވެ.

ގްރޫޕް ޑީ ގައި ކްލަބް އެއާޕޯޓްސް އަތުން ފެނަކަ މޮޅުވީ 3-1 އިންނެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި ޓީމް ސިވިލް ކޯޓް އަތުން 4-1 އިން ބީއެމްއެލް މޮޅުވިނަމަވެސް، ދެވަނަ ބުރަށް ނުގޮސް އެ ޓީމު ވަނީ ކަޓާފައެވެ. ގްރޫޕް ސީ ގައި އެމްއޭސީއެލް އިން ވަނީ 5-2 އިން ޓީމް ޑީޖޭއޭ ބަލިކޮށްފައެވެ. ކްލަބް އޭވިއޭޝަން ސެކިއުރިޓީ ވަނީ 2-1 އިން ޓްރޭޑް ކްލަބް އަތުން މޮޅުވެފައެވެ.

ފެނަކަ ހިމެނޭ ގްރޫޕުގެ އެއްވަނަ އެ ޓީމަށް ލިބުނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ކްލަބް އެއާޕޯޓްސް އާއި ތިންވަނައިގައި އޮތް ބީއެމްއެލް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ކްލަބް އެއާޕޯޓްސް އަށް ކުރިލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ކްލަބް އެއާޕޯޓްސްގެ ފައިދާ ދެ ގޯލް އޮތްއިރު، ބީއެމްއެލްގެ އޮތީ ފައިދާ އެއް ގޯލެވެ. ސިވިލް ކޯޓުން ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެ، ޕޮއިންޓެއްނުލިބިއެވެ.

ކްލަބް އެއާޕޯޓްސް އަތުން ފެނަކަ މޮޅުވި މެޗުގައި އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ އަޔާޒް އަހުމަދު (އަޔާ) އެވެ. އަނެއް ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. ކްލަބް އެއާޕޯޓްސްގެ ހަމައެކަނި ލަނޑުޖަހައިދިނީ މުހައްމަދު އަގީލް އެވެ.

ގިނަ ގޯލްތަކެއް ޖަހައިގެން ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެއްގައި ބީއެމްއެލް އިން ލީޑްނެގީ 5 ވަނަ މިނެޓުގައި އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 24 އާއި 25 ވަނަ މިނެޓުގައި އިބްރާހިމް ހަމްދާން ވައްދާލި ދެ ލަނޑާއެކު ބީއެމްއެލް އިން ތިން ލަނޑުގެ ލީޑެއްނެގިއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ސިވިލް ކޯޓުގެ އަންސަރު އިބްރާހިމް (އަންކޮ) ގެ ލަނޑުން އެ ޓީމު ފަރަގު ކުޑަކުރިއެވެ. އެކަމަކު، އޭގެ މިނެޓެއްފަހުން ހަމްދާން ވަނީ އިތުރު ގޯލެއްޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށް ބީއެމްއެލްގެ ލީޑް ދަމަހައްޓައިދީފައެވެ.

މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެމްއޭސީއެލް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ކްލަބް މޯލްޑިވްސް / އިމޭޖަސް.އެމްވީ

ޑީޖޭއޭ އަތުން ފަސޭހައިން އެމްއޭސީއެލް މޮޅުވިއިރު، އަބްދުﷲ ސުޒެއިރު ހެޓްރިކް ހެދިއެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖަހައިދިނީ އަޒްޔާން އިބްރާހިމް އާއި އިބްރާހިމް ޝަނޫން އެވެ. ޑީޖޭއޭގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އަޖުވަދު އާއި އަބްދުﷲ ފާރިޝް އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ޓްރޭޑް ކްލަބާ ދެކޮޅަށް އޭވިއޭޝަން ސެކިއުރިޓީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެލަނޑުޖެހިއެވެ. މި ދެ ލަނޑުޖަހައިދިނީ އިސްމާއިލް ޝިއާދު އާއި ތައުމީން ނޫހު އެވެ. ޓްރޭޑް ކްލަބުގެ ހަމައެކަނި ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ހިސާން މުހައްމަދު އެވެ.

ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްއޭސީއެލް ދެވަނަ ބުރުން ޖާގަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކުރީ އޭވިއޭޝަން ސެކިއުރިޓީ ޓީމެވެ. އެމްއޭސީއެލް އަށް ކުރިލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ޑީޖޭއޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޓްރޭޑް ކްލަބް ނިންމާލީ ޕޮއިންޓެއްނުލިބި ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ރޭގަނޑު 8:05 ގައި ހޯމް އެފެއާޒާ ދެކޮޅަށް ޓީމް އެފްއެސްއެމް ނިކުންނައިރު، އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ސްޓެލްކޯ ކްލަބް ނިކުންނާނީ ރާއްޖެ އޮންލައިން ކްލަބާ ދެކޮޅަށެވެ. ރޭގަނޑު 9:30 ގައި ފަށާ މެޗުތަކުގައި އެމްޕީއެލްއާ ކްލަބް އާސަންދަ ބައްދަލުކުރާއިރު، އަނެއް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ނިކުންނާނީ ކްލަބް ޔޫތު މިނިސްޓްރީއާ ދެކޮޅަށެވެ.