ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގައި ހިމެނޭ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކޮށް، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހައި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އަދި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ.
ހަމަމިއާއެކު ރޭމްޕެއް ހެދުމާއި 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
