ކެންސަރަކީ މިއަދު އަހަރެމެން ވަރަށް ބިރުގަންނަ ބައްޔަކަށް މި ވަނީ ވެފައެވެ. އެކި އެކި ގޮތްގޮތުންނެވެ. ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވެ، އެ ބަލި ޖެހޭ މީހުންގެ އަދަދުވެސް ގިނަ ކަމުންނެވެ. ކެންސަރުގެ އެކި އެކި ވައްތަރު ތަކެވެ. މި ފަހުން ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެން ދިޔައީ ދިވެހި ރާއްޖޭގައި އުރަމަތީގެ ކެންސަރުގެ މުޅިން ތަފާތު ވާހަކަ އަކައިގެންނެވެ. ދިވެހި ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހޭ އަންހެނުންގެ ތެރޭގައި ޒުވާން އަންހެނުން ނިސްބަތުން ގިނަ ކަމަށް، ކެންސަރު ބައްޔަށް ހާއްސަ ދިވެހި ޑަކްޓަރަކު ބުނުމުންނެވެ. އެ ހަބަރު ރާއްޖޭގެ މަޝްހޫރު ނޫސް މަޖައްލާތަކުގައިވެސް ޝާއިއުވެފައި އޮތެވެ. މި ލިޔުމުގައި މި ބަލާލަނީ އުރަމަތީގެ ކެންސަރު ހުރުމުން ނުވަތަ ހުރެދާނެ ކަމަށް ލަފާކުރެވުމުން ފެނިދާނޭ ބައެއް އަލާމާތްތަކުގެ މައްޗަށެވެ.

އާދޭހެވެ! މި ލިޔުމުގައި މި ހިމަނާލާ ކޮންމެ އަލާމާތަކީ ހަމަ އެކަނި އުރަމަތީގެ ކެންސަރުގެ އަލާމާތްތަކެއް ނޫނެވެ. ސިއްހީ ކޮންމެވެސް އެހެން މައްސަލައަކާއި ގުޅިގެންވެސް މިފަދަ ނުވަތަ މި އަލާމާތްތައް ފެނުމަކީވެސް އާންމު ކަމެކެވެ. އެހެންނަމަވެސް ހަމަ އެ އަލާމާތްތަކަކީ އުރަމަތީގެ ކެންސަރުގައިވެސް ފެންނަ އަލާމާތްތަކެއް ކަމުން އެ ވާހަކަތައް ހިއްސާކޮށްލާނެމެވެ.

އުރަމަތީގެ ކެންސަރާއި އެކު އެކި މީހުންނަށް ދިމައިވާ އަލާމާތްތައް ތަފާތުވެދާނެއެވެ. އެހެނީ ކޮންމެ މީހެއްގެ އުރަމައްޗަކީވެސް ތަފާތު ގޮތަށް ހުންނަ ގުނަވަނެވެ. އަދި ކޮންމެ މީހެއްގެ ވެސް ހަށިގަނޑުގައި ހުންނަ ހޯމޯނުގެ މިންވަރުވެސް ތަފާތުވާނެތީއެވެ. ނަމަވެސް ބައެއް އާންމު އަލާމާތްތަކެއް ޑަކްޓަރުން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި:

. އުރަމަތީގައި ގަނޑެއް ނުވަތަ ގޮށެއް ލުން، ނުވަތަ ކިހިލިފަތާއި ދިމާލުން ކިހިލިވަޅުގައި ގަނޑެއް ނުވަތަ ގޮށެއް ލުން. 

. އުރަމަތީގެ ކޮންމެވެސް ހިސާބެއް ހަރުވެ ދުޅަވެފައި ހުރުން.

. އުރަމަތީގެ ކޮންމެވެސް ހިސާބެއް ދިލަނެގުމަކާއި އެކު ކެހުން ނުވަތަ ހިރުވުން.

. އުރަމަތީގެ ކޮންމެވެސް ހިސާބެއްގައި ނުވަތަ ވައްގަނޑު ކޮޅު ރަތްވެ، ހަންގަނޑަށް ދޫ ޖެހިފައި ހުރުން.

. ވައްގަނޑުކޮޅު އެތެރަށް ހިނދިފައި ހުރުން.

. އުރަމަތީގެ ކޮންމެވެސް ހިސާބަކަަށް ނުވަތަ ވައްގަނޑު ކޮޅަށް ތަދުވުން.

. ވައްގަނޑު ކޮޅުން، ކިރު ނޫން އެހެން ދިޔަވަރެއް އައުން. ނުވަތަ ލޭ އައުން.

. ކުއްލި ގޮތަކަށް އުރަމައްޗަށް އަންނަ ކުއްލި ބަދަލެއް. (ސިފަ އަށާއި ބޮޑުމިނަށް).

އިސްވެ ދެންނެވި ފަދައިން މިއިން ކޮންމެ އަލާމާތެއްވެސް ސިއްހީ އެހެން މައްސަލައަކާއި ގުޅިގެންވެސް ކުރިމަތިވެދާނެއެވެ. ނަމަވެސް މި ކަންތައްތަކަކީ އާންމު ހާލަތްތަކެއް ނޫނެވެ. މިއީ ކަންބޮޑު ވާން ޖެހޭނޭ ކަންކަމެވެ. އަޅާނުލާ ދޫކޮށްލެވޭނޭ ކަންކަމެއް ނޫނެވެ. މިފަދަ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ވާނެއެވެ. ލަދުގަތުމެއް ފަސްޖެހުމެއް މިއިން އެއްވެސް ކަމެއްގައި ނުވެއެވެ.

އުރަމައްޗަށް އަންނަ ކޮންމެ ބަދަލަކީ ކެންސަރުގެ އަލާމާތެއް ނުވަތަ ކޮންމެވެސް އެހެން ބައްޔެއްގެ އަލާމާތަކަށް ނުވެދާނެެއެވެ. އެހެނީ ކޮންމެ މީހެއްގެ އުރަމައްޗަކީވެސް ތަފާތު އުރަމައްޗެކެވެ. އަންހެނާގެ މައްސަރު ކަންކަމާއި ދަރިން ލިބުމާއި ލިބޭ ދަރިންގެ އަދަދާއި ބަރުދަން އިތުރުވުމާއި ދަށްވުމާއި ބައެއްކަހަލަ ބޭސް ބޭނުން ކުރުމާއި ގާތުން ދިނުމާއި މާބަނޑުވުމާއި މާބަނޑު ދުވަސްވަރު ދިމައިވާ އެކި އެކި ހާލަތްތަކާއި އުމުރުން ދުވަސްވުމާއި މިއީ ހައްތަހާވެސް އުރަމައްޗަށް ބަދަލު އަތުވެދާނޭ އާންމު ކަންކަމެވެ. ނަމަވެސް ދެނެގަންނަންވީ އަންނަ ބަދަލަކީ ކުއްލި އަދި އާދަޔާ ހިލާފު ބަދަލެއް ތޯއެވެ. ނުވަތަ މިއިން އެއްވެސް އާންމު ސަބަބަކާއި ނުލާ އަންނަ ބަދަލެއް ތޯއެވެ.

މިފަދަ ކަންކަމަށް ފަރުވާތެރިވެ، ހޭލުންތެރިވެ، އުރަމަތީގެ ސްކްރީނިން ކޮށް، ބަލާ ރައްކާތެރިވެން އުޅޭނަމަ އުރަަމަތީގެ ކެންސަރަށް ހުށަހެޅޭ މިންވަރު މަދުވާނެއެވެ. ކުރީބައިގައި ދެނެގަނެ ފަރުވާ ފެށޭނަމަ މިއީ ރަނަގު ކުރެވޭވެސް ބައްޔެކެވެ. އެހެންކަމުން އިސްވެ ފަރުވާ ހޯދުމަށް އުޅުމަކީ މުހުންމު ކަމެކެވެ. އަލާމާތްތަކަށް ފާރަވެރިވެ ތިބުމަކީ ބުއްދިވެރި ކަމެކެވެ.