މިހާރު ކުރިއަށްދާ ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 އިން ޕީއެސްވީ އެއިންދޯވަން ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއީ މިފަހަރުގެ ސީޒަނުގައި އާސެނަލް އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވި 8 ވަނަ ފަހަރެވެ. މި ނަތީޖާއާއެކު އެ ޓީމު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕީއެސްވީ އެއިންދޯވަން އެވެ. ބޯޑޯ ގްލިމްޓް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ. އެންމެ ފުލުގައި އޮތް އެފްސީ ޒިއުރިޗް އަށް ޕޮއިންޓެއް ނުލިބެއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އާސެނަލްގެ ގެބްރިއެލް ޖެސޫސް އާއި ބުކަޔޯ ސަކާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭ ގޮތް ނުވިއިރު، އާސެނަލުން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ގްރޭނިޓް ޒާކާ އެވެ. މިއީ އެ ޓީމުގެ ކަނާތު ފުލްބެކް ޓަކެހީރޫ ޓޮމިޔާސޫ ނެގި ހުރަހަކުން ޒާކާ ކާމިޔާބުކުރި ގޯލެކެވެ.
މުޅި މެޗުގައި ވެސް އާސެނަލުން ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި އާސެނަލަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެސްވީ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެކުރީން، ލީގުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.
