މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގައި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމް އެފްއެސްއެމް ކުޅޭއިރު، އެމްޕީއެލްއާ މޯލްޑިވިއަން ބައްދަލުކުރަން ޖެހިއްޖެއެވެ.
މި ފަހަރުގެ ގަދަ 16 ބުރުގެ މެޗުތައް ކަނޑައެޅީ ޓީމުތައް 4 ޕޮޓަށް ބަހާލައިގެންނެވެ. ޕޮޓް 1 ގައި ހިމެނުނީ؛ އާރްއާރްސީ، ވެމްކޯ އާއި އެމްއޭސީއެލް އަދި ޓީމް ފެނަކަ އެވެ. ދެވަނަ ޕޮޓްގައި ހިމެނުނީ؛ އެސްޓީއޯ ރެކްރިއޭޝަން ކްލަބް، އެމްޕީއެލް އާއި ކްލަބް އެޗްޑީސީ އަދި ސްޓެލްކޯ ކްލަބެވެ. ޕޮޓް ތިނެއްގައި ހިމެނުނީ؛ ޓީމް އެފްއެސްއެމް، ޓީމް އެލައިޑް އާއި ދިވެހި ސިފައިންގެ ކްލަބް އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. ހަތަރުވަނަ ޕޮޓްގައި ހިމެނުނީ؛ ކްލަބް އެއާޕޯޓްސް، މޯލްޑިވިއަން އާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަދި ފެން ކްލަބެވެ.
ދެވަނަ ބުރުގެ މެޗުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނީ، އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި އާރްއާރްސީއާ ޓީމް އެފްއެސްއެމް ބައްދަލުކުރާ މެޗަށެވެ. ފައިނަލް މެޗުގައި 4-0 ގެ ނަތީޖާއަކުން އާރްއާރްސީ މޮޅުވެފައިވުމާއެކު، ދެވަނަ ބުރުގައި އެ ދެ ޓީމު ވާދަކުރާ މެޗުގެ ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ. އާރްއާރްސީން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުން ސައްތައިން ސައްތައިގެ ރެކޯޑާއެކު އެވެ. ސްޓެލްކޯއާ އެއް ގްރޫޕެއްގައި ހިމެނި އެފްއެސްއެމް އަށް ލިބުނީ އެ ގްރޫޕުގެ ދެވަނަ މަގާމެވެ.
މެޗަކުން ބަލިނުވެ، ބައިކޮޅަށް ލަނޑެއްވަނަނުދީ ފުރިހަމަ ރެކޯޑާއެކު ދެވަނަ ބުރަށް ދަތުރުކުރީ އެމްޕީއެލް ނިކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. އެމްޕީއެލް އެކޭ އެއްގޮތަށް މެޗަކުން ބަލިނުވެ، ބައިކޮޅަށް ލަނޑެއްވަނަނުދީ ސައްތައިން ސައްތައިގެ ރެކޯޑާއެކު ދެވަނަ ބުރުން ޖާގަ ހޯދި ވެމްކޯ އިން މި ބުރުގައި ކުޅޭނީ އެލައިޑްއާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އާރްއާރްސީ އަށް ހޯދައިދިން ކޯޗު އަބްދުﷲ ނަސީރު (އަބޯ) ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ފެނަކަ ދެވަނަ ބުރުގައި ކުޅޭނީ ކަސްޓަމްސްއާ ދެކޮޅަށެވެ. އެ ޓީމުން ވެސް މިފަހަރުގެ ގްރޫޕް ސްޓޭޖު ނިންމާލީ ސައްތައިން ސައްތައިގެ ރެކޯޑާއެކު އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެސްޓީއޯ ދެވަނަ ބުރުގައި ނިކުންނާނީ ކުރީގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ކަޓުވާލި ކްލަބް އެއާޕޯޓްސްއާ ދެކޮޅަށެވެ. މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސްޓެލްކޯ އިން ނިކުންނާނީ ފެން ކްލަބާ ދެކޮޅަށެވެ.
އެހެން އަހަރުތަކޭ އެއްފަދައިން މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ އެޗްޑީސީން ދެވަނަ ބުރުގައި ބައްދަލުކުރާނީ އޭވިއޭޝަން ސެކިއުރިޓީ ޓީމާ އެވެ. އެމްއޭސީއެލް ޓީމު ނިކުންނާނީ ސިފައިންގެ ޓީމާ ދެކޮޅަށެވެ.
