މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތަކަށް ފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާއި ދެކޮޅަށް ކްލަބް ވެމްކޯ ކުޅެންޖެހުނުއިރު ދެވަނަ ސެމީގައި ޓީމް ފެނަކައާ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އެވެ.

މި މުބާރާތުގައި ރޭ ސިފައިން ވަނީ 6-0 އިން ވެމްކޯ ބަލިކޮށް، ގްރޫޕުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. އަނެއް މެޗުގައި ކްލަބް ޔޫތު މިނިސްޓްރީ ކޮޅަށް އެމްޕީއެލް އިން ވަނީ 25 ލަނޑުޖަހާފައެވެ.

ރޭގެ ނަތީޖާއާއެކު އެންމެ ކުރީގައި އުޅޭ ސިފައިންނާއި، ފެނަކަ އަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ސިފައިންނަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އެމްޕީއެލް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ވެމްކޯ އަށް ލިބުނު ހަތަރު ޕޮއިންޓާއެކު އޮތީ ހަތަރެއްގައެވެ. އެންމެ ފުލުގައި އޮތް ޔޫތު މިނިސްޓްރީ ޓީމަށް ޕޮއިންޓެއް ނުލިބެއެވެ.

ސިފައިންގެ ޓީމުން ޖެހި ހަ ގޯލްގެ ތެރެއިން މަޓްސުޝީމާ ސުމައްޔާ އާއި މައީޝާ އަބްދުލް ހަންނާނު ކުރެން ކޮންމެ ކުޅުންތެރިއަކު ދެލަނޑުޖެހިއިރު، އަނެއް ދެ ލަނޑުޖަހައިދިނީ ސަބީނާ ހަތުން އާއި ފާތިމަތު ތީބާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ސުމައްޔާ އެވެ.

ޔޫތު މިނިސްޓްރީ ކޮޅަށް އެމްޕީއެލް އިން ލަނޑުގޯންޏެއް އޮއްސާލިއިރު، އެ ޓީމުގެ މިސް ނަޓާމޮން އާޓްކްލާ 11 ލަނޑުޖެހިއެވެ. އެމްޕީއެލްގެ އަނެއް ލަނޑުތައް ޖަހައިދިނީ ފާތިމަތު ސާލިޔާ ހަތް ގޯލް، އާމިނަތު ޝާމިލާ ހަތަރު ގޯލާއި، ޖޫޒަން ޒަރީރް ދެ ލަނޑު އަދި ފާތިމަތު ޝާއިގާ އެއް ގޯލެވެ.

ފުރަތަމަ ސެމީގައި ކުޅޭނީ ގްރޫޕްގެ އެއްވަނަ އަށް ދިޔަ ޓީމާ ދެކޮޅަށް ހަތަރުވަނައިގައި އޮތް ޓީމެވެ. ދެވަނަ ސެމީގައި ދެވަނަ އަށް ދިޔަ ޓީމު ނިކުންނާނީ ތިންވަނަ މަގާމުގައި އޮތް ޓީމާ ދެކޮޅަށެވެ. އެގޮތުން، ފުރަތަމަ މެޗުގައި ސިފައިންނާއި ވެމްކޯ އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެނަކައާ އެމްޕީއެލް އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.