ބައެއް މީހުންނަކީ އެމީހުންގެ ދިރިއުޅުމުގައި އުކުނޑިކޮށްޓުމޭ މި ކިޔާ ހާލަތު ދިމައިވާ މީހުންނެވެ. އެކި މީހުންނަށް މި ހާލަތު ދިމައިވަނީ އެކި ގޮތް ގޮތަށެވެ. ބައެއް މީހުންނަކީ އުކުނޑިކޮށްޓާއިރު ނިކަން މަޖާ އަަޑުއަޑުވެސް ލައްވާ ނުވަތަ ލެއްވޭ މީހުންނެވެ. ހަގީގަތުގައި މިފަދައިން މަޖާ އަޑު އަޑު ނުކުތަސް މިއީ އެކަން ތަހައްމަލު ކުރާ މީހަކަަސް ހުރި ވޭނެކެވެ. އުނދަގޫ ކުރުވާ ކުއްލި ބަރު އިހުސާސް ތަކެއް އިންސާނާގެ ހަށިގަނޑުން ކުރުވާއިރު މިއީ ކިހިނެއްވާ، ކީއްވެގެން ދިމައިވާ ކަމެއްތޯ އެނގިފާ ހުރުން ބުއްދިވެރިއެވެ. މި ލިޔުމުގައި މި ބަލާލަނީ އުކުނޑިކޮށްޓުމާއި ބެހޭ ބައެއް އާންމު މައުލޫމާތު ތަކަށެވެ.
އުކުނޑިކޮށްޓުމަށް ރާއްޖޭގެ ބައެއް ހިސާބު ތަކުގައި ގިސްކެނޑުވުމޭ ވެސް ކިޔާ އުޅެއެވެ. އުކުނޑިކޮށްޓުމަކީ ފުއްޕާގެ ތިރިއާއި ބަނޑުގެ ޖާގަތަކާއި ވަކިކޮށްދޭ މަހުގެ ފަށަލައެއް ކަމަށްވާ ޑައިފްރާމްއަށް އަންނަ އިހްތިޔާރުންބޭރުގައިވާ ކުއްލި ހަރަކާތްތަކެއްގެ ސަބަބުން ދިމައިވާ ކަމެކެވެ. މަހުގެ މި ފަށަލަ ނުވަތަ ޑައިފްރާމް އަކީ ނޭވާލާ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. އުކުނޑިކޮށްޓާއިރު، ޑައިފްރާމް ގެ މަސްތައް ކުއްލި ގޮތަކަށް ހަރުވެ ކުރުގެޅެއެވެ. ނަތީޖާއަކަށް ވަނީ ކުއްލި ޕުރެސަރެއް އުފެދި އަޑުފޮށި ބެދޭގޮތް ވުމެވެ. މިގޮށް އުފެދޭ ޕުރެސަރާއި އެކު އަޑުފޮށި ބެދެން ދިމައިވުމުން، ކުއްލި އަޑެއް، ބޭއިހްތިޔާރުގައި ބޭރުވެއެވެ.
އުކުނޑިކޮށްޓުމަށް އެންމެ އާންމުކޮށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ؛
. ކާބޮނެޓެޑް ބުއިންތައް ބުއިން.
. މާގިނައިން ކެއުން.
. ޖަޒުބާތީ ސްޓްރެސް.
. ކުއްލިއަކަށް ފިނިހޫނުމިނަށް ބަދަލު އައުން.
. ޗުއިންގަމް ހެފުމުން ނުވަތަ ލޮލީފަދަ އެއްޗެހި ބުއިމުން މައިދާގެ ތެރެއަަށް ވައި ދިއުން.
48 ގަޑިއިރަށްވުރެ ގިނައިރު ދިގުދެމިގެންދާ ގޮތަކަށް އުކުނޑިކޮށްޓަފާނެ ތަފާތު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
. ނާރުތަކަށް ގެއްލުންލިބުން. (ދިގު މުއްދަތަކަށް އުކުނޑިކޮށްޓުމުގެ ސަބަބަކީ ޑައިފްރާމްގެ މަސްގަނޑަށް ހިދުމަތްދޭ "ވެގަސް" ނަމަކަަށް ކިޔާ ނާރު ނުވަތަ "ފްރެނިކް" ނާރުތަކަށް ގެއްލުން ލިބުން). މި ނާރުތަކަށް ގެއްލުން ލިބިދާނެ ފަދަ ކަންކަން މެދުވެރިވެދާނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛
. ކަންފަތުގައި ހުންނަ އިސްތަށި ނުވަތަ އެހެން އެއްޗެއް ކަންފަތުގެ ތޫރީގައި ޖެހިހުރެ ގިނަ ދުވަސްވުން.
. ކަރުގައި ހުންނަ ޓިއުމަރެއް، ސިސްޓެއް ނުވަތަ ގޮށެއް.
. ގޭސްޓްރޯއެސޯފޭޖިއަލް ރިފްލަކްސް ނުވަތަ ދިގު މުއްދަތަކަށް މޭ އެންދުން.
. ކަރުތެރޭގެ އިންފެކްޝަނެއް ދިގުމުއްދަތަަށް ހުރުން.
. މަރުކަޒީ ނާރުތަކުގެ ނިޒާމުގެ ބަލިތައް.
. އަނިޔާއެއްގެ ސަބަބުން މަރުކަޒީ ނާރުތަކުގެ ނިޒާމަށް ގެއްލުމެއް ލިބުމަކީ ހަށިގަނޑުން އުކުނޑިކޮށްޓުމުގެ ރިފްލެކްސްގެ އާދައިގެ ކޮންޓްރޯލަށް ބުރޫއަރާފާނެ ކަމެކެވެ. އެފަދަ އަނިޔާތަކުގެ ތެރޭގައި ހިމެނެނީ؛
. އެންސެފަލައިޓިސް.
. މެނިންޖައިޓިސް.
. މަލްޓިޕަލް ސްކްލޮރޯސިސް.
. ސްޓްރޯކް.
. ޓްރޮމެޓިކް ބްރެއިން އިންޖަރީ ނުވަތަ ސިކުނޑިއަށް ލިބޭ އަނިޔާތައް.
. ޓިއުމަރު.
. މެޓަބޮލިކް ޑިސްއޯޑަރސް.
. ހަކުރުބަލި.
. އިލެކްޓްރޯލައިޓް އިންބެލެންސް.
. ކިޑްނީގެ ބަލި.
. ސްޓިރޯއިޑްސް.
. ޓްރެންކިއުލައިޒާސް.
ސަބަބުތަކާއި އެ ސަބަބުތައް މެދުވެރި ކުރުވާ ސަބަބުތަކަށް މި ބަލާލީ ބައެއް މީހުންނަކީ އެމީހުންގެ މުޅި އުމުރު އުކުޑިކޮށްޓުމުގައި އުޅެން ޖެހިފައިވާ މީހުންނެވެ. ހަގީގަތުގައި އެމީހުން އެ އުފުލަނީ ވަރަށްބޮޑު ތަކުލީފެކެވެ. އަހަރެމެންނަށް ދޭތެރެ ދޭތެރެއިން އުކުނޑިކޮށްތާލިޔަސް ކުރާ އުނދަގޫ އިހުސާސް ކުރެވޭނެއެވެ.
އުކުނޑިކޮށްޓާނަމަ ގޭގައި ކުރެވިދާނޭ ބައެއް ފަރުވާތައް ހުރެއެވެ. އޭގެތެރޭގައި ފުއްޕާހަމަކަށް އަނގައިން ވައި ޖެހުމަކީ ވަރަށްވެސް ފައިދާހުރި ކަމެއް ކަމަށް ދިރާސާވެރިން ފާހަގަ ކުރައްވައެވެ. އެހެނީ އެއާއި އެކު އުފެދޭ ޕުރެސަރުގެ ސަބަބުން، އުކުނޑިކޮށްޓާއިރު އުފެދޭ ޕުރެސަރުގެ ބާރު ކުޑަކުރުވާތީއެވެ. ފިނި ފެނުން ކަރުތެރެ ދޮވެލުމަކީވެސް އުކުނޑިކޮށްޓުން ހުއްޓި ނުވަތަ މަޑުޖައްސުވައިދޭނޭ ކަމެކެވެ. ހަމަ އެގޮތަށް ފިނި ފެނުގެ މަދުމަދު މިންވަރެއް ދޭތެރެ ދޭތެރެއިން ބޯލުމަކީވެސް އެކަން ފިލައިގެން ހިނގައިދާނޭ ކަމެކެވެ. ނޭވާ ނުލާ، ނޭވާ ހިފަހައްޓާލައިގެން އިރުކޮޅަކު ހުރުމަކީވެސް އެކަމަށް ލުޔެއް ލިބިދާނޭ ކަމެކެވެ.
ރަނގަޅުނުވާ ހާލަތްތަކުގައި އޮތީ ބޭސް ބޭނުން ކުރުމެވެ. ބޭހުންވެސް ކޮންޓްރޯލް ނުވާނަމަ ދެން އޮތީ އޮޕަރޭޝަނެއް ކުރުމެވެ. މިއީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނުކުރާ ކަމެކެވެ. އުކުނޑި ކޮށްޓުމާ ބެހޭ މި ކަންކަން އެނގި ތިބެ، ގާގައި ކުރެވިދާނެ އެކަންކަމަށް ފަރުވާތެރިވެ ތިބުން ވަރަށްވެސް މުހިންމެވެ.
