އިންސާނުންގެ ކެއުމުގައި ވަރަށް ތަފާތު، އާދަޔާ ހިލާފު ކެއުންތައް ވެސް ހުރެއެވެ. އަހަރެމެން ދަންނަނީ ބައެއް އާންމު، އެހެނަސް މަދު ކެއުންތަކެވެ. އޭގެ ތެރެއިން އަހަރެމެން ކައި އުޅެނީވެސް އަމުދުން ވަރަށް މަދު ކެއުން ތަކެކެވެ. މިއީ ވިއެޓްނާމުގައި މަޝްހޫރުކޮށް ކައި އުޅޭ ކެއުމެކެވެ. ކާޅުދޮންކޭލެވެ!

ކާޅުދޮންކޭލަކީ ހުދުކުލައިގެ ނުވަތަ ރީނދޫކުލައިގެ ފަންޏެކެވެ. މި ފަނި ހުންނަނީ ބަދަބަދަ ޖަހާފައި ހުންނަ ގޮތަކަށް ފަލަކޮށެވެ. މިބާވަތުގެ ފަނި އާންމުގޮތެއްގައި އުޅެނީ ފާވެފައި ހުންނަ ރުއްގަނޑުގަނޑުގައެވެ. އެހެންކަހަލަ ގަސްގަނޑުގަނޑުގައިވެސް އުޅެއެވެ. މި ފަންޏަކީ ކެއުމުގައި ބޭނުން ކުރެވޭ ފަންޏެކެވެ. ވިއެޓްނާމުގައި މި ފަނި ރޮލާ، ނުވަތަ ދިރިދިރިހުއްޓާވެސް ކައި އުޅެއެވެ. މިއީ އެގައުމުގައި ފަތުރުވެރިންނަށް ބޮޑު އަގުގައި ވިއްކާ އުޅޭ ކެއުމެކެވެ.

ތަފާތު އެކި ގޮތްގޮތަށް ކާޅުދޮންކެޔޮ ކައި އުޅޭއިރު، ރިހަ ކަހަލަ އެއްޗެއްވެސް މި ފަނީގައި ތައްޔާރު ކުރެވެއެވެ. ފިހެގެންވެސް ކާއިރު، މިއީ ތެލުލައިގެންވެސް ކައި އުޅޭ ފަންޏެކެވެ. މި ފަނީގައި ތައްޔާރު ކުރާ ކެއުންތަކުގެ ތެރެއިން އެއްމެ އާދަޔާ ހިލާފު ކެއުމަކީ ދިރިދިރި ހުއްޓާ ކާ ކެއުމެވެ. މި ކެއުމުގައި ދިރޭ ކާޅުދޮންކެޔޮތައް އަޅާފައި ހުންނަނީ ޒާތެއްގެ "ފިޝްސޫޕް" އޭ ކިޔާ ފެނަކަށެވެ. އެއާއި އެކު ކޮށާފައި ހުންނަ ތޮޅި މިރުސްތަކެއް އެ ފެނުގެ ތެރޭގައި ހުރެއެވެ.

ވިއެޓްނާމް މީހުންނަކީ ދެ ދަނޑިކޮޅުން ނުވަތަ ޗޮޕްސްޓިކުން ކައި އުޅޭ މީހުން ކަމުން، އެމީހުން ކާޅުދޮންކެޔޮތައް ކަނީ ޗޮޕްސްޓިކުންނެވެ. ދިރިދިރި އޮންނަ ކާޅުދޮންކެޔޮ ނަގާ، އޭގެ ފުލާ ދިމާލުން އަނގައަށް ލައެވެ. އަދި އަތުން އޭގެ ބޮލުގައި ހިފާ ދަތްތަކުން އޭގެ ކަރާ ހިސާބުގައި ހިފާ، އޭގެ ބޯ ވަކިކޮށްލައެވެ. އެއަށްފަހު މީރުކޮށް ހަފާލައިގެން ކައެވެ. މި ކެއުމުގައި މަޑު ކުޅި ރަހައަކާއި ލޮނު ރަހައެއް ކުރެއެވެ. ދިރިދިރި އޮންނަ ކާޅުދޮންކޭލަކަށް ބަލާ މީހަކު، ފަކުރު ގަނެދާނެއެވެ. އެސޮރުގެ ހަށިގަނޑު އޮންނަ ގޮތާއި ހަރަކާތް ކުރާ ގޮތުންނެވެ. ނަމަވެސް މިއީ ބަޔަކު މީހުން މީރުކޮށް ކައި އުޅޭ އަދި ބޮޑު އަގުގައި ވިއްކާ އުޅޭ މީރު ކެއުމެކެވެ.

ދިވެހިރާއްޖޭގެ މާހައުލުންވެސް ކާޅުދޮންކެޔޮ ފެނެއެވެ. ނަމަވެސް މި ފަނީގައި ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރުކޮށް ކައި އުޅުމަކީ ދިވެހިން ކޮށް އުޅޭ ކަމެއް ނޫނެވެ. މިހެން ދެންނެވި ނަމަވެސް ދިވެހިންގެ ތެރޭގައިވެސް ކާޅުދޮންކެޔޮ ކައި އުޅޭ މީހުން އުޅެދާނެއެވެ.