މައްސަރު (ޕީރިއަޑް) ވުމަކީ، އަންހެނަކު ބާލިޣުވުމަށް ފަހު އާއްމުކޮށް މަހަކު އެއްފަހަރު ކުރިމަތި ފަރާތުން ލޭއައުމެވެ. ބައެއް ފަހަރު ޕީޑިއަޑްވާއިރު، މާ ގިނައިން ލޭ ނައިސްވެސް ހުރެދާނެއެވެ. އަދި ބައެއް ފަހަރު މާ ގިނައިން ލޭފައިބައިވެސްދާނެއެވެ. ޕިރިއަޑް ދުވަސްވަރު މާ ގިނައިން ލޭ ފައިބުމަށް ނުވަތަ ލޭ ފޭބުން ދިގުލައިގެން ދިއުމަށް ކިޔާ އުޅެނީ "މެނޮރެޖިއާ"(Menorrhagia) އެވެ.
ޕިޑިއަޑްވުމުން މާ ގިނައިން ލޭ އަންނަކަން ފަސޭހައިން ދެނެގަނެވޭނެއެވެ. އެގޮތުން އަވަސް އަވަހަށް ޕެޑް ބަލަދުކުރަން ޖެހުމާއި މައްސަރުގެ ލޭ ފޭބުން ހަފްތާއަކަށްވުރެ ދިގުލައިގެން ދިއުމާއި ގަނޑުގަނޑަށް ހުންނަ ލޭ ފޭބުން އެއް ދުވަހަށްވުރެ ގިނަ ދުވަހަށް ހުރުމާއި ލޭ މަދުވުމުގެ އަލާމާތްތައް (ވަރުބަލިވުން، ކަންނެތްވުން، ނޭވާކުރުމުން) ފަދަ ކަންކަން ދިމާވުމަކީ، މާ ގިނައިން ލޭ އައުމުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
ޕީރިއަޑް ދުވަސްވަރު މާގިނައިން ލޭފޭބުން ކުރިމަތިވަނީ ހޯމޯންގެ މިންގަނޑަށް އަންނަ ބަދަލުގެ ސަބަބުން ބިސް ދޫކުރުމާއި ނުލައި މައްސަރުގެ ބުރުޖެހުމުންނެވެ. އާއްމު ގޮތެއްގައި މައްސަރުގެ ތެރޭގައި ބިސްއުފައްދާ ތަނުން ބިސް ދޫކުރުމުން، މައްސަރު ޖެހުން ގަވާއިދުން ކުރިމަތިވާ ހޯމޯން ޕްރޮޖެސްޓަރޯން ދޫކުރުމަށް ބާރުއަޅާނެއެވެ. ނަމަވެސް ބިސް ދޫނުކުރުމުން، ޕްރޮޖެސްޓަރޯންގެ މިންގަނޑަށް ބަދަލުތަކެއް އައިސް ޕީރިއަޑް ދުވަސްވަރު މާ ގިނައިން ލޭފޭބުން މެދުވެރި ކުރުވައެވެ.
ޕީރިއަޑް ދުވަސްވަރު މާ ގިނައިން ލޭ ފޭބުމުގެ ސަބަބުތަކެއްވެއެވެ. އެގޮތުން އެޑީނޯމަޔޯސިސް އަކީ އޭގެ އެއް ސަބަބެކެވެ. އެޑީނޯމަޔޯސިސް ކުރިމަތިވަނީ ރަހިމުގެ ފާރުގެ ތެރޭގައި ހުންނަ ގްލޭންޑްތައް ރަހިމުގެ މަސް ފަށަލައިގެ ތެރޭގައި އަށަގަތުމުންނެވެ. މިހެން މިކަން މެދުވެރިވުމުން ޕީރިއަޑް ދުވަސްވަރު ގިނައިން ލޭފައިބައެވެ. ދަށްބަނޑުގެ އެތެރޭ ކަށިވަތުގައި ދުޅަ އުފައްދާ ބަލި (PID) ހުރުމަކީވެސް ޕީރިއަޑް ދުވަސްވަރު މާ ގިނައިން ލޭ ފޭބުމުގެ ސަބަބެކެވެ. ޕީއައިޑީއަކީ ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާ ހޮޅި ފަދަ ނަސްލު އުފައްދާ ނިޒާމު ނުވަތަ ދަރިމައިވުމުގެ ނިޒާމުގެ ބައިތަކުގައި ދުޅައުފެދި، ޖަރާސީމު އަށަގަންނަ ހާލަތެކެވެ.
ބައެއް ކަހަލަގެ ބޭސްތައް ކެއުމަކީވެސް ޕީޑިއަޑް ދުވަސްވަރު ގިނައިން ލޭ ފޭބުމަށް މެދުވެރިވާ ސަބަބެކެވެ. އެގޮތުން ތަދުކަނޑުވާ ބޭސް (ޕެއިން ކިލާސް) އާއި ލޭ ދިޔާކުރުމަށް ބޭނުން ކުރާ އެކި ވައްތަރުގެ ބޭހުގެ ސަބަބުން، ލޭ ފޭބުން އިތުރުވެއެވެ. އަދި ބައެއް ކަހަލަގެ ކެންސަރު، މިސާލަކަށް ރަހިމުގެ ކެންސަރު، ބިސްރަވައިގެ ކެންސަރު ފަދަ ބަލިތައް ޖެހުމަކީވެސް ލޭ ފޭބުން އިރުވުމުގެ ސަބަބެކެވެ.
މީގެ އިތުރުން، ރަހިމުގައި މަސްކޮޅު އުފެދުމާއި ބިސް އުފައްދާތަނުގެ މަސައްކަތަށް ބަދަލުތަކެއް އައުމާއި ރަހިމުގައި ފައިބްރޮއިޑް އުފެދުމާއި ބައިގެން ދިއުމަކީވެސް ޕީރިއަޑް ލޭ އައުން އިތުރުކުރުވާ ކަމެކެވެ.
މައްސަރު ދުވަސްވަރު މާ ގިނައިން ލޭ ފައިބާ ނަމަ، ބޭސް ކައިގެންނާއި އޮޕަރޭޝަން ކޮށްގެން އެކަން ރަނގަޅު ކުރެވޭނެއެވެ. ނަމަވެސް އެ ދެކަންތައްވެސް ބައެއް ކަންކަމުގެ މައްޗަށް ބިނާވެއެވެ، އެގޮތުން ބަލި މީހާގެ އާއްމު ސިއްހަތު ހުރިނެތް ގޮތާއި މުސްތަގުބަލުގައި ދަރިމައިވުމަށް ރާވާފައިވާ ގޮތާއި ބަލި މީހާއަށްދޭ ފަރުވާ އޭނާއަށް ތަހައްމަލުކުރެވިދާނެ މިންވަރާއި ބަލި މީހާގެ ހިޔާލު ފަދަ ކަންކަން ހިމެނެއެވެ.
