1992 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އުފަންވި ކިއާރާ އަޑްވާނީގެ އަސްލު ނަމަކީ އާލިޔާ އަޑްވާނީއެވެ. ކިއާރާގެ ބައްޕަ ޖަގްދީޕް އަޑްވާނީ އަކީ ވިޔަފާރިވެރިއެކެވެ. މަންމަ ޖެނިވީވް ޖެފްރީ އަކީ ޓީޗަރެކެވެ. މަންމަ ނިސްބަތްވަނީ ލަކްނޫގެ މުސްލިމް އާއިލާއަކަށެވެ. ބައްޕަ އަކީ ސްކޮޓިޝް، އައިރިޝް، ޕޯޗުގީޒް އަދި ސްޕެނިޝް ދަރި ކޮޅަށް ނިޞްބަތްވާ ކްރިސްޓިއަނެކެވެ. މިޝާލް ނަމަކަށް ކިޔާ ފިރިހެން ކޮއްކޮއެއް ކިއާރާގެ ހުރެއެވެ.

ކިއާރާ މިނަން އޭނާ  އަށް ދިނީ ސަލްމާން ޚާނެވެ. މިއީ ޕްރިޔަންކާ ޗޯޕްރާގެ ފިލްމު އަންޖާނާ އަންޖާނީ އިން ފާހަގަ ކުރެވިގެންނެވެ. ކިއާރާގެ މަންމަ އާއި ސަލްމާން ޚާނަކީ ކުޑައިރުގެ ރަޙްމަތްތެރިންނެވެ. ކިއާރާގެ މަންމަ ފަރާތު ބޮޑުދައިތަ ޝާހީން އާ ސަލްމާން ރައްޓެހިވެގެން އުޅުނު ކަމަށް އަޑު ފެތުރުނެވެ. ކިއާރާގެ އެންމެ ގާތް ރަޙްމަތްތެރިއަކީ، އިންޑިޔާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ކަމަށްވާ މުކޭޝް އަންބާނީގެ އަންހެން ދަރިފުޅު އީޝާ އަންބާނީއެވެ. އީޝާ އާއި ކިއާރާއަކީ ވަރަށް ކުޑައިރުން ފެށިގެން ރަޙްމަތްތެރިންނެވެ. ކިއާރާގެ މުނިކާފަ އަކީ ކުރީގެ ފިލްމީތަރި އަޝޯކް ކުމާރެވެ. ކިއަރާ ބޮލީވުޑާއި ގުޅެނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޖޫހީ ޗާވްލާއަކީ ކިއާރާގެ ބޮޑުދައިތައެވެ. ކިއާރާ އޭނާގެ ފުރަތަމަ ފިލްމް ފަގްލީގެ ކޯ-ސްޓަރ މޯހިތު މާރްވާ އާ ޑޭޓް ކުރިއެވެ. މޯހިތުއަކީ ސޯނަމް ކަޕޫރުގެ ދެބެންގެ ދެދަރި ކުއްޖެކެވެ. ކިއާރާގެ އެންމެ ފުރަތަމަ ފިލްމް "ފަގްލީ" އަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ އަނޫޕަމް ކޭރް ކައިރިން އެކްޓިން ކޯހެއް ހަދާފައެވެ. ކިއާރާ މަސައްކަތް ކުރަން އެންމެ ބޭނުމީ ރަންވީރު ސިންގްއާ އެކުގައި ކަމަށް އޭނާ ބުނެއެވެ.

ކިއާރާގެ އެންމެ ފުރަތަމަ ފިލްމަށް ބޮޑު ކާމިޔާބެއް ނުލިބެއެވެ. ކިއާރާއަށް ބެލުންތެރިންގެ ސަމާލުކަން ލިބުނީ، އިންޑިޔާގެ ކްރިކެޓް ތަރި އެމް. އެސް ދޯނީގެ އަމިއްލަ ހަޔާތަށް ހެދިފިލްމު "އެމް. އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އިން ނެވެ. ކިއާރާ ގެ އެންމެ ކާމިޔާބު ފިލްމުތަކަކީ ޝާހިދު ކަޕޫރު އާއި އެކުގައި ފެނިގެން ދިޔަ "ކަބީރު ސިންގް" އަދި ކަރީނާ، އަކްޝޭ އަދި ދިލްޖީތު ސިންގު އާއި އެކުގައި ކުޅުނު "ގުޑްނިއުޒް" އެވެ.