ސިހުރުގެ ވާހަކަ އަކީ އަހަރެމެން އެހާ ދައްކަން ބޭނުންވާ އަދި އަޑުއަހަންވެސް ބޭނުންވާ ވާހަކައެއް ނޫނެވެ. ކަމުގެ ބިރުވެރިކަމާ ނާމާންކަމުންނެވެ. އެހެނަސް އެއީ ހަގީގަތެއްކަން އަހަރެމެން ގަބޫލުކުރަމެވެ. އަދި ސިހުރު ހަދާ މީހުން ގިނަ ކަމާއި އެބައިމީހުންގެ ބިރުވެރިކަން ބޮޑުކަންވެސް އަހަރެމެން ގަބޫލު ކުރަމެވެ. މިއީ ޕާކިސްތާނުގައި ހިނގާ ދިޔަ ހަގީގީ ހާދިސާއެކެވެ. މިއީ ސިހުރު އަނގޮޓިއެއްގެ ވާހަކައެވެ.

ކައިވެންޏަކީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ކުރާ ހިތުން ކުރަން ބޭނުންވާ ކަމެކެވެ. އެއީ އެދެމީހުންގެ މުޅި ހަޔާތުގަ ވެސް އަންނާނޭ އެއްމެ އުފާވެރި ދުވަސްތަކުން ދުވަހެކެވެ. އެ ދުވަހަކު، ހިތާމައެއް ދެރައެއް ލިބޭކަށް އަދި އެދުވަހުގެ ސަބަބުން ވިޔަސް ފަހުން ނަމަވެސް ހިތާމައެއް ދެރައެއް ލިބޭކަށް ނޭދޭނެއެވެ. ޕާކިސްތާނުގެ އެ ދެމަފިރިންގެ ކައިވެނި ހަފްލާއަށްފަހު، އެ ދެމަފިރިންގެ މުޅި ދިރިއުޅުން ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ވެއްޓުނެވެ. ސަބަބެއް ހަމަ އެކަކަށްވެސް ނޭނގުނެވެ.

ކައިވެންޏަށްފަހު ތަފާތު ކަންކަން ދެމަފިރިންނަށް ދިމައިވާން ފެށިއެވެ. އެކުގައި އުޅެން އުނދަގޫ ވިއެވެ. ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ބުރޫ އަރަމުން ދިޔައެވެ. އެކަކު އަނެކަކު ދެކެ ފޫހިވާން ފެށިއެވެ. އެކަކު އަނެކަކަކު ސޫރަ ނުވަތަ ސިފަ އެކަކު އަނެކަކަށް ހުތުރުވާން ފެށިއެވެ.

އެހިސާބުން އެ ފިރިހެން މީހާ، އެކަމުގެ ޝަކުވާ އޭނާގެ ބައްޕަގެ ގާތުގައި ކުރިއެވެ. އެއާއި އެކު އެ ބައްޕައަށް ފެނުނީ އެކަމުގައި އެހެން ބިރުވެރިކަމެކެވެ. އެ ބައްޕަ އެދުނީ ރުޤްޔާ ކުރާށެވެ. އެގޮތުން ރުޤްޔާގެ އާޔަތްތައް ކިޔެވުމުގެ ހުއްދަ އެމީހުން ކުރެން އެ ބައްޕަ ހޯދިއެވެ. އަދި އެކަމައިގެން ކުރިއަށް ދިޔައެވެ.

ކިޔަވަމުން ދިޔަވަރަކަށް ދެމަފިރިންނަށް ތަފާތު ގޮތްގޮތް ވާން ފެށިއެވެ. އެކި އެކި ތަފާތު ބިރުވެރި ގޮތްގޮތެވެ. ކިޔެވުމުގެ މަރުހަލާތައް ނިއްމާލީ ވެގެން އުޅޭ ގޮތުގެ ހަގީގަތް ހޯދުމަށްފަހުގައެވެ. ސިހުރުގެ ބަލާވެރިކަން ދެމަފަރިންނަށްވެސް ހުރީ ޖެހިފައެވެ. ސިހުރު ޖެއްސުވި އެއްޗަކަށްވީ ދެމަފިރިންގެވެސް އަތުގައި އޮތް އަނގޮޓިއެވެ. އެ ދެ އަނގޮޓިއަށް ހުރީ ސިހުރު ހަދާފައެވެ. ދެމަފިރިން ދުރުކުރުވާ ސިހުރެވެ. އެ އަނގޮޓި އަކީ ކައިވެނީގެ ހަފްލާގައި ދެމަފަރިން އެކަކު އަނެކަކުގެ އަތުގައި އެޅުވި އަނގޮޓިއެވެ.

ނޭނގުނު ކަމަކީ އެ އަނގޮޓިއަށް ސިހުރު ހެދީ ކާކު ހެއްޔެވެ. ފިހާރައެއްގައި ވިއްކަން ހުރި އަނގޮޓިއެކެވެ. އެފަދަ ކަމެއްގެ ބިރުވެރިކަން އެކަމުގެ ތެރެއިން އުފެދިދާނޭ ކަމަށް ހީވެސް ނުކުރެވޭނެއެވެ. ނަމަވެސް ކަން އޮތީ އެ މަގުން ވެފައެވެ. ހުރި ހިތާމައިގެ ބޮޑުކަން ނިހާޔަތަށް ބޮޑެވެ. ކިޔެވި ކިޔެވުމާއި އެކު އެ ދެ އަނގޮޓި ނަގާ، ނައްތާލަން ޖެހޭ އުސޫލުގެ މަތިން އެ ދެ އަނގޮޓި ނައްތާލިއެވެ. މިއަދު އެދެމަފިރިންނަކީ ނުހަނު ލޯބިން އުޅެމުން އަންނަ ދެމަފިރިންނެވެ.