ސްޕެނިޝް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި ފަހުވަގުތު ދެ ލަނޑާއެކު ސެވިއްޔާ އަތުން މުހިއްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 3-1 އިންނެވެ.

މިއީ ސެވިއްޔާގެ އައު ކޯޗު ޖޯޖް ސަމްޕައޯލީގެ އިރުޝާދުގެ ދަށުން އެ ޓީމަށް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު ރެއާލް އެއްވަނައިގައި އޮތީ 11 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި ބާސެލޯނާ އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. ރެއާލް ސޮސިއެޑާޑް އޮތީ 22 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ކްރޮއޭޝިއާގެ އަބަދަށްފެހި މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވިނީޝަސް ޖޫނިއާ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސެވިއްޔާ އަށް އެއްވަރުކޮށްދިނީ ކުރީން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު އެރިކް ލަމޭލާ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ގޮންޒާލޯ މޮންޓިއެލް ދިން ހިތްގައިމު ޕާހަކުން ލަމޭލާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މެޗުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑްނެގީ މާކޯ އާސެންސިއޯ އާއި ވިނީޝަސް ގުޅިގެން އުފެއްދި ކައުންޓަ އެޓޭކެއްގައި ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް ވަޒްކޭޒް އެވެ. ވަޒްކޭޒް މި ލަނޑުޖެހީ 79 ވަނަ މިނެޓުގައެވެ. އޭގެ ދެ މިނެޓުފަހުން، ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އުރުގުއޭގެ އިތުބާރު މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ވަލްވާޑޭ ކާމިޔާބުކުރި ރީތި ގޯލެކެވެ.