"ޝަކްތީމާން"އޭ ބުނުމުން އެއީ ކޯއްޗެއް ކަން ނުވަތަ ކާކު ކަން ނޭނގޭ ބަޔަކު މަދުވާނެއެވެ. ޚާއްޞަކޮށް 90ގެ އަހަރު ތަކުގެ ގިނަ ކުދިންނަށް އެއީ އައު ނަމަކަށް ނުވާނެއެވެ. އާއެކެވެ. އެއީ 1997 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު އިންޑިއާއިން ގެނެސްދިން ސުޕަރހީރޯ ޓީވީ ސިލްސިލާއެކެވެ. ނުވަތަ ބޮލީވުޑްގެ ފުރަތަމަ ސުޕަރހީރޯއޭ ބުންޏަސް ވެސް ދޮގަކަށް ނުވާނެއެވެ.

އާދަޔާޚިލާފް ބާރުތަކެއް ލިބިފައިވާ ސުޕަރހީރޯއެއް ދައްކުވައިދޭ، އަދި އެތަކެއް ގެއްލުން ތަކަކުން ރައްޔިތުންނާއި އިންޑިއާގެ އެކި ރަށްތައް އޭނާ ސަލާމަތް ކޮށްދޭ މަންޒަރު ދައްކުވައިދޭ "ޝަކްތީމާން"އަކީ އެތައް ބައެއްގެ މެދުގައި މަޤްބޫލް ވެގެންދިޔަ ސިލްސިލާއެކެވެ. "ޝަކްތީމާން"ގެ ރޯލުން މުކޭޝް ޚަންނާ ފެނިގެންދާ މި ޓީވީ ސިލްސިލާ އެންމެ ފަހުން ގެނެސްދިނީ 2005ގައެވެ. ނަމަވެސް މިހާރު މިވަނީ ދިގު މެދުކެނޑުމަކަށްފަހު "ޝަކްތީމާން" އެނބުރި އަންނަން އުޅޭ ކަން އިންޑިއާގެ 'ސޮނީ ޕިކްޗާރޒް'އިންނާއި މުކޭޝް ޚަންނާ ޔަޤީން ކޮށްދީފައެވެ.

މިފަހަރު ވެސް "ޝަކްތީމާން"އަކީ މުކޭޝް ޚަންނާތަ؟

"ޝަކްތީމާން"ގެ ކާސްޓުންނާ ބެހޭ މާގިނަ މަޢުލޫމާތުތަކެއް އަދި މި ފިލްމު އުފައްދާ ޓީމުގެ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޔަޤީންވާ އެއް ކަމަކީ "ޝަކްތީމާން"ގެ ރޯލުން މިފަހަރު ފެނިގެންދާނީ މުކޭޝް ނޫން ކަމެވެ. މުކޭޝް މިފުރުޞަޠު ދޫކޮށްލީ އޭނާގެ އުމުރާ މިފަދަ ސުޕަރހީރޯ ހިޓް ފިލްމެއްގެ ހީރޯއެއްގެ މަޤާމާ ނުފެތޭނެތީ ކަމަށް ވެދާނެއެވެ. ނުވަތަ މިހާރުގެ ޒުވާން އެކްޓަރުންނަށް ފުރުޞަޠު ދޭން ކަމަށް ވެސް ވެދާނެއެވެ. 

އެހެންކަމުން "ޝަކްތީމާން"އަކީ ކާކުކަމެއް އަދި ސީދާ ސީދާ ބުނާކަށް ނޭނގެއެވެ. ނަމަވެސް އެކި މީޑިއާތަކުގައި އާއި އެކި މީސްމީހުންގެ މެދުގައި އެކި ފަންނާނުންގެ ވާހަކަ ދަނީ ދެކެވެމުންނެވެ. އޭގެ ތެރޭގައި "ޝަކްތީމާން"ގެ ރޯލުން މި ފިލްމުގައި ފެނިގެންދާނީ ސަލްމާން ޚާން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އަދި އެއްބަޔަކު ޓައިގަރ ޝްރޮފް ކަމަށް ބުނަމުންދާއިރު ރިތިކް ރޯޝަނޭ ވެސް ބުނާ މީހުން މަދެއް ނޫނެވެ. ނަމަވެސް މެޖޯރިޓީ އޮތީ 2010 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި އެކްޓަރު ރަންވީރު ސިންގއަށެވެ. އެހެނީ ފިލްމުގެ ޓީމް ތެރޭގައި ދެކެވޭ ބައެއް ވާހަތަކަށް ބަލާއިރު، ރަންވީރު ސިންގ "ޝަކްތީމާން"ގެ ނަމުގައި ފެނުން ގާތް ކަމަށް ވާތީއެވެ.

Ranveer Singh Approached To Play The Iconic Desi Superhero Shaktimaan
މުކޭޝް ޚަންނާއާއި ރަންވީރް ސިންގ

"ޝަކްތީމާން"ގެ ޑައިރެކްޓަރަކީ ކާކު؟

ފިލްމުގެ ޑައިރެކްޓަރަކީ ވެސް އެވެނި މީހެކޭ ބުނަން އަދި ދައްޗެވެ. ސަބަބަކީ ރަސްމީކޮށް އެއީ ކާކުކަން އަދި ހާމަކޮށްފައި ނުވާތީއެވެ. ނަމަވެސް އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ޕްލެޓްފޯމެއް ކަމަށްވާ ޕިންކްވިލާއިން މަޢުލޫމާތު ލިބޭ ގޮތުގައި "މިންނާލް މުރަލީ"ގެ ޑައިރެކްޓަރު ބާސިލް ޖޯސެފާ "ޝަކްތީމާން"ގެ ޓީމާ ދެމެދު ދަނީ ވާހަކަތަކެއް ދެކެވެމުންނެވެ. ބާސިލް ޖޯސެފަކީ ފެށުނީއްސުރެ ވެސް ޝަކްތީމާންގެ 'ފޭން'އެކެވެ. މިއީ އޭނާއަށް ފިލްމު ޑައިރެކްޓްކުރަން ލިބިގެންދިޔުން ގާތްވާ ސަބަބެކެވެ. އަދި ހަމައެހެންމެ އެތައް ފަހަރެއްގެ މަތިން ބާސިލް ވަނީ "ޝަކްތީމާން"ގެ ޓީމާ ވެސް ބައްދަލުކޮށްފައި ކަމަށް މަޢުލޫމާތު ލިބެއެވެ. 

We can't just write off Bollywood, says 'Minnal Murali' maker Basil Joseph-  The New Indian Express
ޑައިރެކްޓަރު ބާސިލް ޖޯސެފް

އެންމެ ފުރަތަމަ ގެނެސްދިން "ޝަކްތީމާން"އާއި މި ފިލްމާ އެއްވެސް ގުޅުމެއް ވާނެތަ؟

ގިނަ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި "ޝަކްތީމާން" ފިލްމަކީ މިއީ ހަމަ މުޅިން އައު ޕްރޮޖެކްޓެކެވެ. އަދި 1997 އާއި 2005އާ ދެމެދު ގެނެސްދިން "ޝަކްތީމާން"ގެ ޓީވީ ސިލްސިލާއާ އެއްވެސް ގުޅުމެއް ނެތެވެ. ނަމަވެސް މިއީ މުޅިއަކުން ތެދެކޭ ވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ މިފަހަރުގެ "ޝަކްތީމާން" ޓީމުގެ ވެސް އިސްކޮށް މަސައްކަތްކުރަނީ ކުރީގެ ޝަކްތީމާން (މުކޭޝް ޚަންނާ)އެވެ. އެހެންކަމުން އޭނާގެ ސިލްސިލާ ނިންމާލި ހިސާބުން ކޮންމެވެސް ގޮތަކުން ގުޅުމެއް ވުން ވެސް ގާތެވެ. އަދި އެންމެ ފުރަތަމަ "ޝަކްތީމާން" އެނބުރި އަންނަން އުޅޭކަން އިޢުލާންކުރީ  އޭނާ ކަމަށްވުމީ ވެސް މިކަމަށް އޮތް ސަބަބެކެވެ.

އެންމެ ކުރިން ޓީވީ ސިލްސިލާއެއްގެ ގޮތުގައި "ޝަކްތީމާން" ގެނެސްދިން ނަމަވެސް މިފަހަރުގެ ޓީމުން ތައްޔާރުވަނީ ސިނަމާތަކުގައި ފިލްމު ރިލީޒްކުރާށެވެ. ފިލްމުގެ ޝޫޓިންގތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.