ހަންގަނޑު ރަތްވެ، ފަޅައިގެން ގޮސް، ހިރުވައި ކެހުމަކީ އެކްޒީމާއެވެ. އެކްޒީމާއަކީ ހުރިހާ އުމުރުފުރާއަކަށްވެސް ޖެހޭ ބައްޔެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މިބަލި ކުޑަކުދިންނަށް ޖެހުން އިތުރެވެ. މި ބައްޔަކީ ދިގު މުއްދަތަކަށް ދެމިގެންދާ ބައްޔެކެވެ. އެކްޒީމާއަށް ހާއްސަ ފަރުވާއެއްް ހޯދިފައި ނުވި ނަމަވެސް އެ ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. އެކްޒީމާގެ އެކި ވައްތަރުތައް ހުރެއެެވެ. އެންމެ އާއްމު ވައްތަރަކީ، އެޓޯޕިކް އެގްޒީމާއެވެ. އޭގެ އިތުރުން، ޑިސްކޮއިޑް އެކްޒީމާ އާއި ކޮންޓްރެކްޓް ޑާމަޓައިޓިސް އާއި އެބޮރިކް އެކްޒީމާ އާއި ޑިސްހައިޑްރޮޓިކް އެކްޒީމާ އިތުރުން ވެރިކޯސް އެކްޒީމާއަކީވެސް އެގްޒީމާގެ ވައްތަރުތަކެވެ.
އެކްޒީމާ ޖެހުމަށް މެދުވެރިވާ އެތައް ސަބަބެެއް ވެއެވެ. އެންމެ އާއްމު ސަބަބަކީ، ދިރިއުޅޭ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. އެގޮތުން، ދުންފަތުގެ ދުމާއި ވިހަ ގޭސްތަކާއި ބާރުގަދަ ސައިބޯނީގެ ވައްތަރުތަކާއި އެކިއެކި ކެމިކަލްތައް ބޭނުންކޮށްގެން ހަދައިފައި ހުންނަ ސެންޓާއި ލޯޝަނާއި ބޮޑީ މިސްޓު ހިމެނެއެވެ. އަދި ތެތްކަން ދަށް ތަންތަނުގައި އުޅުންވެސް ހިމެނެއެވެ. އެއީ، ތެތްކަން ދަށް ތަންތާނގައި އުޅޭ ނަމަ ހަންގަނޑު ހިކުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.
ދިރިއުޅުމުގައި ދިމާވާ އެކިއެކި ފިއްތުންތަކަކީވެސް އެކްޒީމާއަށް މަގުފަހިވާ ކަމެކެވެ. އެމެރިކާގެ މެޑިކަލް އެފެއާޒްގެ މެޑިކަލް ޑިރެކްޓަރު އަދި ބޯޑް ސެޓިފައިޑް ޑާމިޓެލޮޖިސްޓް (ހަމުގެ ހާއްސަ ޑޮކްޓަރު) ޑރ. މާކް ލެވެންބާރގް ބުނެފައިވާ ގޮތުގައި އެކްޒީމާއާއި ސްޓްރެސްއާ އެކި ގޮތް ގޮތުން ގުޅުމެއް ވެއެވެ. އެގޮތުން، ސްޓްރެސްގެ ސަބަބުން ހަމުގެ ފަށަލައަށް ގެއްލުންތަކެއް ކުރިމަތިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން މާ ބޮޑަށް ކަންކަމާ ފިކުރުކޮށް ހެދުމަކީ، އެކްޒީމާ ޖެހުމަށް މެދުވެރިވާނެ ސަބަބެކެވެ.
އެކްޒީމާއަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ނަމަވެސް އެއީ ވާރުތަކުރުވާ ބައްޔެކެވެ. އެގޮތުން ވިރާސީ ގޮތުން އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެއީ، ތިމާގެ އާއިލާގެ ތެރޭގައި އެކްޒީމާ ތަހައްމަލުކުރާ ނުވަތަ ކޮށްފައިވާ މީހަކު ހުރި ނަމަ، ތިމާއަށް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެެއެވެ. އެހެންކަމުން، އެފަދަ މީހަކު އާއިލާގެ ތެރޭގައި އުޅޭނަމަ ގަވައިދުން ޓެސްޓްތައް ކޮށް، އަވަހަށް ފަރުވާ ލިބިގަތުމަކީ މުހިންމު ކަމެކެވެ.
އެކްޒީމާއަކީ، ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ނުރައްކާ ބޮޑު ބައްޔެކެވެ. މި ބަލި އާއްމުކޮށް ކުޑަކުދިންނަށް ޖެހޭއިރު، މި ބަލި ތަހައްމަލުކުރާ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދީންނަށް އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދު ނޭވާހިއްލުމުގެ މަައްސަލަތައް ކުރިމަތިވެއެވެ. އެކްޒީމާ ޖެހުމުން ހަންގަނޑު، ކަހާ، ހިރުވާ ގޮތް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން އިހްތިޔާރަކާ ނުލައިވެސް ހަންގަނޑު ކެހޭ ގޮތް މެދުވެރިވެއެވެ. ނަމަވެސް ތަކުރާރުކޮށް ހަންގަނޑު ކަހައި ހެދުމުން ހަންގަނޑު ހަލާކުވެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި، ހާޕީޒް ސިމްޕްލެކްސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
އެކްޒީމާއަކީ ދިގުމުއްދަތަކަށް ފަރުވާކުރަން ޖެހިދާނެ ބައްޔެކެވެ. އެއީ މިބަލީގެ ބާވަތުން މި ބައްޔަކީ ރަނގަޅުވުމަށްފަހުވެސް އަލުން ޖެހިދާނެ ބައްޔަކަށްވުމެވެ. އެކްޒީމާއަކީ ބޭސް ބޭނުންކޮށްގެންނާއި ބައެއް އެހެން ކަހަލަގެ ފަރުވާތައް ދީގެން ރަނގަޅު ކުރެވިދާނެ ބައްޔެކެވެ، އެގޮތުން އިންފްލެމޭޝަންއާ ދެކޮޅަށް ބޭނުންކުރާ ބޭހާއި ހަންގަނޑު މަރާމާރުކޮށްދޭ ބޭސް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ވެޓް ޑްރެސިންއާއި ލައިޓް ތެރަޕީވެސް ދެވިދާނެއެވެ.
އެކްޒީމާއަކީ ފަސޭހައިން ޖެހޭ ބައްޔަކަށްވާއިރު މި ބަލިން ރައްކާތެރިވުމަށް ދުވާލަކު މަދުވެގެން ދެ ފަހަރު ހަންގަނޑު މޮއިސްޗާ ކުރުމާއި ހަންގަނޑު ސާފުކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ހަންގަނޑަށް ގެއްލުންވާ ތަކެތި ފާހަގަކޮށް އެތަކެއްޗާއި ދުރުގައި އުޅުމަކީވެސް މުހިންމު ކަމެކެވެ.
