އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅެ އާސެނަލް އެއްވަރުވިއިރު، ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ނިއުކާސަލް ޔުނައިޓެޑުން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

ސައުތެމްޓަންގެ ދަނޑުގައި 1-1 އިން އާސެނަލް އެއްވަރުވިއިރު، ރަށުން ބޭރުގައި ޓޮޓެންހަމް އަތުން ނިއުކާސަލް މޮޅުވީ 2-1 އިންނެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ 11 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން މެންޗެސްޓާ ސިޓީ އޮތީ ދެވަނައިގައެވެ. ޓޮޓެންހަމް އޮތީ 12 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތިންވަނައިގައެވެ. ނިއުކާސަލް ވަނީ 12 މެޗުން 21 ޕޮއިންޓް ހަމަކޮށް ހަތަރުވަނަ އަށް ޖެހިލާފައެވެ. 

ސެއިންޓް މޭރީސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ގްރޭނިޓް ޒާކާ ވައްދާލި ލަނޑުންނެވެ. މިއީ އާސެނަލްގެ އިނގިރޭސި ފުލްބެކް ބެން ވައިޓް ނެގި ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، އާސެނަލްގެ ލީޑް ފުޅާކޮށްދޭން ގެބްރިއެލް ޖެސޫސް އާއި ގެބްރިއެލް މާޓިނެއްލީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

އާސެނަލް ކޮޅަށް ލަނޑުޖެހުމަށްފަހު ސައުތެމްޓަންގެ ސްޓުއާޓް އާމްސްޓްރޯންގް އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރމިއާ ލީގު.ކޮމް

ސައުތެމްޓަނުން ވަނީ ދެވަނަ ހާފު ފެށިގެން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން، ޖެސޫސް އަށް ލަނޑެއްޖަހައިދޭން ލިބުނު ރަނުގެ ފުރުޞަތު ބޭކާރުވީ ސައުތެމްޓަންގެ އެލްޔޫނުސީ ކުރި ރަނގަޅު ޓެކުލަކުންނެވެ.

މި ހާފުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ގޯލެއް ކާމިޔާބުކުރި ނަމަވެސް، އޮޑެގާޑް އަށް އެ ބޯޅަ ލިބުމުގެ ކުރީން އެ ޓީމުގެ ކިއެރަން ޓިއާނީ އަތުން އެ ބޯޅަ ބޭރުވެފައިވާ ކަމަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމިއެވެ.

ސައުތެމްޓަނުން އެއްވަރުކުރި ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓުއަޓް އާމްސްޓްރޯންގް އެވެ. މިއީ އެ ޓީމުގެ އެލްޔޫނުސީ ދިން ރީތި ޕާހަކުން އާމްސްޓްރޯންގް ކާމިޔާބުކުރި ގޯލެކެވެ.

ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. މި މެޗުން ނިއުކާސަލް މޮޅުވީ 2-1 އިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ލީގުގައި މިރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 40 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު ނިއުކާސަލް އިން ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ ކެލުމް ވިލްސަން އެވެ. މިއީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވިލްސަން ކާމިޔާބުކުރި ގޯލެކެވެ.

އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޝޯން ލޯންގްސްޓާފް ދިން ބޯޅައަކުން މިގުއެލް އަލްމިރޯން ވަނީ ނިއުކާސަލްގެ ދެވަނަ ލަނޑުޖަހައދީފައެވެ. މިއީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލްމިރޯން މި ފަހަރުގެ ސީޒަނުގައި ލީގުގައި ކާމިޔާބުކުރި ހަވަނަ ގޯލެވެ.

ޓޮޓެންހަމުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. މިއީ އެ ޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލޭ ދިން ބޯޅައަކުން ކޭން ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ލަނޑު ގަބޫލުކުރީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.