އިންސާނާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ޖަރާސީމުތަކެއް އަހަރެމެންގެ ހަށިގަނޑުގެ ތެރޭގައި ލައްވާފައި ހުރެއެވެ. ނަމަވެސް ހަށިގަނޑަށް ގެއްލުންދޭ ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް ގޮސްފިނަމަ ނުވަތަ ވަދެއްޖެ ނަމަ އެއީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންތަކެއް ކުރުވާ ކަމެކެވެ. އެ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމަށް އޮތީ ވަރަށް ބޮޑު ހުރަހެއް އަހަރެމެންގެ ހަށިގަނޑުގައި ލައްވާފައެވެ. އެއީ ހަށިގަނޑުގެ ވަށައިގެން މިވާ ހަންގަނޑެވެ.
ހަމުގެ ބޯ ފަށަލައެއް ނެތް ތަނެއްނަމަ، އެ ތަނަކީ ހަށިގަނޑުގެ ތެރެއަށް މާހައުލުގައި ހުންނަ ޖަރާސީމުތައް ވަނުމަށް ހުޅުވިފައި ހުންނަ ދަޮރެކެވެ. އެފަދަ ކޮންމެ ތަނަކަށް އަހަރެމެން ފަރުވާތެރިވެ ސަމާލުކަން ދޭން ޖެހޭނެއެވެ.
މި ފަހުން ދުނިޔެ ދުށް އެއްމެ ނުރައްކާތެރި އެއް ބަލިމަޑުކަމަކީ ކޮވިޑް 19 ގެ ބަލިމަޑު ކަމެވެ. ކޮވިޑް 19 އާއި އެކު އެފަދަ ނާޒުކު ގުނަންތަކުގެ ވާހަކަ އަހަރެމެންނަށް ވަރަށް އާންމުކޮށް އެނގުނެވެ. އެއީ މޫނު މަތީގެ ގުނަންތަކުގެ ވާހަކައެވެ. ލޮލާއި ނޭފަތާއި އަނގައެވެ. މި ގުނަން ތަކުގެ ތެރޭގައޖ ހަމުގެ ބޯ ފަށަލައެއް ނުހުރެއެވެ. ހުންނަނީ ހަމުގެ ދުލި ފަށަލަ ތަކެވެ. މިއީ ޖަރާސީމު ޖެހި ތަތްވެ، ހަށިގަނޑުގެ ތެރެއަށް ނަގައިގަނެފާނޭ ދުލި ފަށަލަ ތަކެކެވެ. ހަމަ އެގޮތަށް ކަންފަތްވެސް މެއެވެ. ކަންފަތުގެ މެދު ކަންފަތާއި އެތެރެ ކަންފަތް ވަކިވެފައި ހުރުމުން ކަންފަތުގެ ހަމުގެ ދުލިފަށް ބޭރަށް ހުޅުވިފައެއް ނުހުންނާނެއެވެ. ހުރަހަކަށް ވަނީ ކަންފަތު ތޫރި އެވެ. އެހެން ކަމުން ކަންފަތުގެ ތޫރި އަކީވެސް ޖަރާސީމު ޖެހި ތަތްލަވާ ފަދަ ތަނެކެވެ. ތޫރި ފަޅައިގެން ގޮސްފައި ހުންނަ ނަމަ އެ ފުރުސަފު ސަތޭކަ އިންސައްތައަށް އިތުރުވެދެއެވެ.
މޫނު މަތީގެ ނާޒުކު ގުނަންތަކަށް ބަލާލާއިރު، ކުރިމަތި ފަރާތު ދޮރާއި ފުރަގަސްފަރާތު ދޮރަކީވެސް މާހައުލަށް ހުޅުވިފައިވާ ދޮރު ދޮރެވެ. އެ ދޮރުތަކުގެ ެތެރޭގައި ހުންނަ ހަމުގެ ދުލި ފަށަލަ ތަކުގައި ޖަރާސީމު ތަތްވެ ހަށިގަނޑުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޮޑުވެއެވެ. މި ސަބަބައްޓަކައި ނަޖިހުން ތާހިރުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ޖިންސީ ގުޅުމަށްފަހުގައި ވެސް ތާހިރު ވުން މުހިންމުވަނީ މި ސަބަބާއި ހުރެއެވެ.
ހަށިގަނޑުގެ ހަންގަނޑުގައި ފާރުގަނޑެއް ހުރެއްޖެ ނަމަ، އެތަނުގައި ހުންނަ ހަމުގެ ބޯ ފަށަލަ ހުންނާނީ ހަލާކުވެފައެވެ. އެހެން ކަމުގައި ވަނީނަމަ އެއީވެސް ޖަރާސީމު ތަތްވެ، ހަށިގަނޑުގެ ތެރެއަށް ވަނުމަށް އޮތް ވަރަަށް ފަހި މަގެކެވެ. އެހެންކަމުން އެފަދަ ފާރުގަނޑުގަނޑަށާއި ފާރުކޮޅުތަކަށް ފަރުވާތެރިވާން ޖެހޭނެެއެވެ. ސާފުކޮށްފައި ބަހައްޓަން ވާނެއެވެ. ބޭސްގަނޑެއް އަޅާފައިވާނަމަ، ފެން ނުޖައްސާ، ނުތެއްމާ ބަހައްޓަން ވާނެއެވެ.
ހޮސްޕިޓަލު ތަކުގައި އެނުމަތި ކުރާ މީހުންގެ ގަޔަށް އައިވީ ދިނުމުގެ ގޮތުގެ ގޮތުން ކަށިޖަހާ ކެނިއުލާ ގުޅައެވެ. މިގޮތަށް ކެނިއުލާ ނުވަތަ އައިވީ ގުޅާފައި އޮންނަ ތަނަކީ މާހައުލާ ސީދާ ގުޅިފައިވާ ތަނެކެވެ. އެހެން ކަމުން އެތަންވެސް ވާނީ ހަށިގަނޑުގެ ތެރެއަށް ޖަރާސީމު ވަނުމުގެ ފުރުސަތު އޮންނާނެ ތަނަކަށެވެ. އެހެންކަމުން ހޮސްޕިޓަލު ތަންތަނުގައި އެނދުމަތިވެ އައިވީ ގުޅާފައި އޮންނަ މީހުން، އެ ތަންތަނަށް ފަރުވާތެރިވާން ވާނެއެވެ. އެތަންތަނުގައި ފެން ނުޖައްސާ ވޭތޯ ބަލަންވާނެއެވެ. ފެން ޖެހިއްޖެ ނަމަ ރީތިކޮށް ހިއްކާލަން ވާނެއެވެ. ހަމަ އެގޮތަށް ކުރިމަތި ފަރާތައް ގުޅާފައި އޮންނަ ހޮޅި އަކީވެސް އެފަދަ އެއްޗެކެވެ. އެ ހޮޅީގެ ތާހިރުކަން ނަރުހުން ބެލެހެއްޓި ނަމަވެސް ބަލި މީހާވެސް އެކަމަށް ސަމާލުކަން ދޭން ވާނެއެވެ. އެއީވެސް ހަށިގަނޑުގެ ތެރެއަށް ޖަރާސީމު ވަނުމުގެ ފުރުސަތު އޮތް ތަނެކެވެ. ނުވަތަ އެއްޗެކެވެ. ހޮސްޕިޓަލު ތަކުން ކުރާ އޮޕަރޭޝަން ތަކާއި އެ އޮޕަރޭޝަނެއްގައި ކަފާލާ ފާރުގަނޑުތަކަކީވެސް ޖަރާސީމު އަށަގަނެ ހަށިގަނޑުގެ ތެރެއަށް ހިނގައިދާނޭ މަގެކެވެ.
ކަންއޮތީ މިހެން ކަމުން، ހަށިގަނޑުގެ ތެރެއަށް ޖަރާސީމު ވަދެވާނޭ މަގުތަކާއި ދޮރުތަކަށް އަހަރެމެން ފަރުވާތެރިވެ ސަމާލުކަން ދޭން ޖެހެއެވެ. ދުޅަހެޔޮ ސިއްހަތަކަށް އެދޭނަމަ މިކަންކަމަށް ފަރުވާތެރިވެ ހޭލުންތެރިވެ ހުރުން ވަރަށްވެސް ބުއްދިވެރިއެވެ.
