ރަހިމަކީ ދަރިމައިވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ގުނަވަނެވެ. ރަހިމް އެއީ އިންނަ ގުނަވަނެއްކަން ވެސް ގިނަ އަންހެނުންނަށް އެނގެނީ މައްސަރުކަންތައް ޖެހިގެން ބަނޑުގެ މަސްތައް އަކުނިވަޔަށް ދަމަން ފެށުމުންނެވެ. ޕިއަރ އެއްގެ ބައްޓަމަށް އިންނަ މި ގުނަވަނަށް މާބޮޑު އަޅާލުމެއް ދޭކަށް ނުޖެހެއެވެ. ނަމަވެސް ރަހިމާ ގުޅޭގޮތުން އެނގެން ޖެހޭ މައުލޫމާތު އެބަހުއްޓެވެ. ދެމަފިރިކަމުގެ ގުޅުން ހިންގުމުން ފެށިގެން ބައެއް މީހުންގެ ދެ ރަހިމް އިންނަނީ ކިހިނެތް ވެގެންކަން ވެސް މިއަދު މި ލިޔުމުގައި ބަލާލާނަމެވެ.

 

ރަހިމްގެ ސައިޒު ޕިއަރ އަކަށް ވުރެ ބޮޑެއް ނުވާނެ

މާބަނޑު ނުވާ އަންހެނެއްގެ ރަހިމްގެ ދިގު މިނުގައި 3 އިންޗި އަދި ފުޅާ މިނުގައި 2 އިންޗި  ހުންނާނެއެވެ.  އެއީ އާދައިގެ އޮރެންޖެއް ނުވަތަ އަތް މުށްކަވާލިމާ އިންނަ ވަރެވެ. ނަމަވެސް އެކި މީހުންގެ ރަހިމްގެ ސައިޒުގައި ތަފާތު ކަމެއް ހުރެދާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

 

މާބަނޑު ވުމުން ރަހިމްގެ ސައިޒު ކަރައަކާ އެއްވަރަށް ބޮޑުވެދާނެ

ރަހިމަކީ ވަރަށް ބޮޑަށް ދެމި އޭގެ ސައިޒު ބޮޑުވާ ގުނަވަނެކެވެ. މާބަނޑުވުމާއި އެކު ރަހިމްގެ ސައިޒް ބޮޑުވާން ފަށައެވެ. ފުރަތަމަ ތިން މަސް ތެރޭގައި ގްރޭޕް ފުރުޓެއްގެ ސައިޒަށް ބޮޑުވެއެވެ. ދަރިފުޅު ބޮޑުވާ ވަރަކަށް ރަހިމް ބޮޑުވަމުން ގޮސް 6 މަސް ވާއިރު ފަޅޮލެއްގެ ސައިޒަށް ބޮޑުވެއެވެ. އަދި 9 މަސް ފުރޭ އިރު ބޮޑު ކަރައެއްގެ ސައިޒަށް ގިނަ މީހުންގެ ރަހިމް ބޮޑުވެގެން ދެއެވެ. ނަމަވެސް ވިހައިގެން ހަ ހަފްތާ ވާ އިރު، ރަހިމް ކުރިން އިން ސައިޒަށް ރުޖޫޢަ ވާނެއެވެ. މި މަރުހަލާއަށް އިނގިރޭސިން ކިޔަނީ އިންވޮލިއުޝަން އެވެ.

 

ބައެއް އަންހެނުންގެ ދެ ރަހިމް އިނދޭ

ދަރިމައިވުމުގައި ދިމާވާ ވަރަށް ނާދިރު ހާލަތެއްގެ ސަބަބުން ބައެއް އަންހެން ކުދިން އުފަންވާއިރު އެކުދިންގެ ދެ ރަހިމް އިނދެއެވެ. އެއީ ބަނޑުގައި ދަރިފުޅު އުފެދެމުން އަންނަ އިރު ރަހިމުގެ ވަށައިގެން އިންނަ ބައި ނުބެދި އިނދެ ދެ ރަހިމް ގެ ގޮތުގައި އުފެދެނީއެވެ. މިގޮތަށް ދެ ރަހިމް އިންނަ އަންހެނުންގެ ދެ ޖިންސީ ގުނަވަންވެސް ހުރެއެވެ. މިހެން ދެ ރަހިމް އިންނަކަން ވެސް ގިނަ ފަހަރަށް އެނގެނީ ދަރިމައި ވުމުގައި މައްސަލަ ޖެހި ނުވަތަ އުނދަގޫތައް ހުރުމުން ނެވެ. އެނޫން ކަމެއްގައި އިތުރު އުނދަގުލެއް ދިމައެއް ނުވާނެއެވެ. މިހެން ދެ ރަހިމް އިން ނަމަވެސް އެތަނުން ރަގަޅަށް މަސައްކަތް ކުރާނީ ގިނަ ފަހަރަށް އެންމެ ރަހިމެކެވެ.

 

ބައެއް އަންހެނުންގެ ރަހިމް ނުވެސް އިނދޭ

މިއީ ވެސް އުފެދުމުގައި ދިމާވާ މައްސަލަ އެކެވެ. މިކަން ދިމާވާ އަންހެނުންގެ ރަހިމްގެ އިތުރުން ޖިންސީ ގުނަވަނުގެ އެތެރެބައި ނުއިންނާނެއެވެ. ނަމަވެސް ބޭރުން ފެންނަ ފެނުމަށް އާދަޔާ ޚިލާފް ކަމެއް ފާހަގަ ނުވާނެއެވެ. މި މައްސަލަ ހުންނަ އަންހެނުންނަށް މައްސަރު ކަންތައް ނުޖެހޭނެއެވެ. އަދި ބަލިވެއިނުން އެއީ ނާދިރު ކަމެކެވެ. ނަމަވެސް މި މީހުންގެ އޯވަރީ ހަމަ ރަގަޅަށް މަސައްކަތް ކުރާނެއެވެ. މިކަން ދިމާވާ އަސްލު ސަބަބު ދެނެގަނެވިފައެއް ނުވެއެވެ. "މިއީ ދެ ކިޑްނީގެ ބަދަލުގައި އެއް ކިޑްނީ އާ އެކު އުފަން ވުން ފަދަ ކަމެއް" ކަމަށް ޑޮކްޓަރުން ހާމަކުރެއެވެ.

 

ބައެއް މީހުންގެ ރަހިމް ހިތުގެ ބައްޓަމަށް ވެސް ހުރޭ

އާންމުކޮށް އަންހެނުންގެ ރަހިމް ޕިއަރ އެއްގެ ބައްޓަމަށް އިން ނަމަވެސް ކޮންމެ 1،000 އަންހެނުންގެ ތެރެއިން 1 އަންހެނެއްގެ ރަހިމް ހިތުގެ ބައްޓަމަށް ހުރެއެވެ. މިއީ ވެސް އުފެދުނުގައި ހުންނަ މައްސަލައެކެވެ. ނަމަވެސް މި ހެން ރަހިމް ހުންނަ އަންހެނުންނަށް ވެސް ގަވާއިދުން މައްސަރު ކަންތައް ޖެހޭނެއެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މިފަދަ އަންހެނުންގެ ބަލިވެ އިނުމަށްފަހު ބައިގެން ދިއުމާ، ދުވަސް ނުފުރާ ވިހެއުމާ، ވިހާ އިރު ދަރިފުޅު އެކޮޅުކޮޅުން އޮތުމުގެ ފުރުސަތު ބޮޑެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.

 

ރަހިމްގެ ކެންސަރު ވަރަށް އާންމު ވެއްޖެ

ރަހިމްގެ ކެންސަރަކީ ކެންސަރުގެ ތެރެއިން އެމެރިކާގައި ހަތަރު ވަނައަށް އެންމެ އާންމު ކެންސަރުގެ ވައްތަރެވެ. އަދި ކެންސަރު ބަލީގައި މަރުވާ މީހުންގެ ތެރެއިން ހަތްވަނަ އަށް އެންމެ ގިނަ މީހުން މަރުވަނީވެސް ރަހިމްގެ ކެންސަރުގައި ކަމަށް 2018 ވަނަ އަހަރުގެ އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް ޑިޕަރޓްމަންޓްގެ ރިޕޯޓްތަކުން ދައްކައެވެ. އަންހެނުންނަށް ޖެހޭ ކެންސަރުގެ ބާވަތްތައް ލިސްޓް ކުރުމުގައި އުރަމަތީގެ ކެންސަރު، އޮވަރީއަށް ޖެހޭ ކެންސަރު އަދި ސަރވިކަލް ކެންސަރުގެ ފަހަށް ރަހިމްގެ ކެންސަރު ކީ ނަމަވެސް އަންހެނުންގެ ޚާއްސަ ކަންކަމާ ގުޅިގެން އެންމެ ގިނައިން ޖެހެނީ ރަހިމްގެ ކެންސަރެވެ. މިކަމުގެ އަސްލު ސަބަބު ނޭގުނު ނަމަވެސް އަންހެނުންގެ ތެރެއިން ބަރުދަން މަތި މީހުނަށް ރަހިމްގެ ކެންސަރު ޖެހުމުގެ ފުރުސަތު، ބަރުދަން ލުއި އަންހެނުންނަށް ވުރެ 4-2 ގުނަ އިތުރެވެ. ބަރުދަން އިތުރު މީހުންގެ ފެޓް ސެލް ގައި ހިމެނޭ އެސްޓްރޯޖަންގެ މިންވަރު އިތުރުވުން މިއީ މިކަމުގެ ސަބަބެއް ކަމަށް ވެދާނެ ކަމަށް ބައެއް ޑޮކްޓަރުން ހާމަ ކުރެއެވެ.

 

ރަހިމް ބަދަލު ކުރުމަކީ މިހާރު ކުރެވޭ ކަމެއް

ދަރިމައި ވުމުގައި މައްސަލަހުރި 11 އަންހެނެއްގެ ރަހިމް ނަގާ އެހެން (މަރުވެފައި ނުވަތަ ދިރިހުރި) އަންހެނެއްގެ ރަހިމް ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަންތަކެއް ޑޮކްޓަރުން ވަނީ ކޮށްފައެވެ. އަދި މިއިން ކޮންމެ އަންހެނަކު ބަދަލު ކުރި އާ ރަހިމް އާއި އެކު ބަލިވެ އިނދެ ވަނީ ވިހަން ވެސް ވިހާފައެވެ. މިއީ އުނދަގޫ ނަމަވެސް ތަޢުރީފް ހައްގު ކާމިޔާބެކެވެ. މިހެން ރަހިމް ބަދަލުކޮށްގެން ވިހެއުމަށްފަހު ފަހުން ލެއްވި ރަހިމް ނަގަން ޖެހޭ ކަމަށް ޑޮކްޓަރުން ހާމަ ކުރެއެވެ.

 

ދެމަފިރިކަމުގެ ގުޅުން ކާމިޔާބު ކުރުމުގައި ރަހިމްގެ ދައުރު މުހިންމު

އެމެރިކާގެ ފްލޮރިޑާގެ އޮރލެންޑޮ ހެލްތުގެ މަޝްހޫރު ޑޮކްޓަރު ކްރިސްޓީން ގްރީވްސް ހާމަ ކުރި ގޮތުގައި ރަހިމްގެ މައްސަލަހުރި ނަމަވެސް ރަހިމް އެއްކޮށް ނަގަން ކުރާ އޮޕަރޭޝަނަށް އިންކާރު ކުރާ ގިނަ އަންހެނުން އެކަން ކުރަނީ އެމީހުންގެ އަނބިފިރިކަމުގެ ގުޅުމަށް އެކަމުން ނޭދެނޭ އަސަރު ކޮށްފާނެތީއެވެ. ގިނަ އަންހެނުން ހާމަ ކުރާ ގޮތުގައި ރަހިމުގެ ސަބަބުން އަނބިފިރިކަމުގެ ގުޅުމުގެ ކުންނަށް ވާޞިލްވުމަށް އެހީތެރިކަން ލިބި، އެ ގުޅުމުގެ ލައްޒަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާޞިލްވުމަށް ބާރަކަށް ވެއެވެ. މިކަމުގެ ސައިންޓިފިކް ހެއްކެއް ނެތް ނަމަވެސް މިއީ ބައެއް އަންހެނުން އެމީހުންގެ ޑޮކްޓަރުންނާއި ހިއްސާ ކޮށްފައިވާ ވާހަކަ ތަކެވެ.

ނޯޓް: މައުލޫމާތު ހެލްތު.ކޮމް އިން ނަގާފައި