މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ގަދަ 16 ބުރުގައި ކުޅުނު މެޗުތަކަށްފަހު އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ކްލަބް ވެމްކޯ އާއި ދިވެހި ސިފައިންގެ ކްލަބް އަދި ޓީމް ފެނަކައިން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އާރްއާރްސީ އަތުން ބަލިވި ޓީމް އެފްއެސްއެމް އަތުން ރޭ އެ ޓީމު މޮޅުވީ 2-1 އިންނެވެ. ވެމްކޯ އިން ޓީމް އެލައިޑް ބަލިކުރީ 4-0 އިންނެވެ. އެމްއޭސީއެލް އަތުން 3-0 އިން ސިފައިން މޮޅުވިއިރު، ފެނަކަ އަތުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިވީ 5-0 އިންނެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވެމްކޯ ކުޅޭނީ އާރްއާރްސީއާ އެވެ. ދެވަނަ މެޗުގައި ފެނަކަ ނިކުންނާނީ ސިފައިންނާ ދެކޮޅަށެވެ.

އެފްއެސްއެމްއާ ދެކޮޅަށް ރޭ އާރްއާރްސީ ކުޅުނު މެޗުގައި އެ ޓީމަށް ފަސްވަނަ މިނެޓުގައި ލީޑްނަގައިދިނީ އިބްރާހިމް މައިސާން އެވެ. އޭގެ 10 މިނެޓުފަހުން، އާރްއާރްސީގެ ދެވަނަ ލަނޑުޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، އެފްއެސްއެމްގެ އަހުމަދު ވިޖުދާން (ވިޖޫ) ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު ދެވަނަ މެޗުގައި އެލައިޑް އަތުން 4-0 އިން ވެމްކޯ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަހުމަދު އައިހަމް އާއި އަލީ ހޮދަދާދީ އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

އެމްއޭސީއެލް އަތުން 3-0 އިން ސިފައިން މޮޅުވި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު އަލާއު އާއި އަބްދުﷲ ސުޖާއު އަދި އިބްރާހިމް އަހުމަދު އެވެ.

އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފެނަކަ އިން ރޭގެ މެޗުގައި ކަސްޓަމްސް ކޮޅަށް ފަސް ލަނޑުޖެހިއިރު، އެ ޓީމުގެ އަޔާޒު އަހުމަދު (އަޔާ) އާއި އައްޒާމް އަބްދުﷲ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ.

މި މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ކްލަބް އެއާޕޯޓްސްއާ އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބައްދަލުކުރާއިރު އެމްޕީއެލް ނިކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. ކްލަބް އެޗްޑީސީން ކްލަބް އޭވިއޭޝަން ސެކިއުރިޓީއާ ކުޅޭއިރު، ފެން ކްލަބް ނިކުންނާނީ ސްޓެލްކޯ ކްލަބާ ދެކޮޅަށެވެ.