ދިރާގުން ވަނީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ދިރާގުން ބުނީ އެ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ތަފާތު ވަސީލަތްތައް ހަދިޔާކޮށްދީފައި ކަމަށެވެ.
އޭގެތެރޭގައި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފަރުނީޗަރު، ޖިމް ކަސްރަތު ބޯޅަ އަދި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލް ތައް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް އެވެ. އަދި ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަންއާއި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު އާއި ސްކޫލް މެނޭޖްމަންޓް، ދަރިވަރުންނާއި ބެލެނިވެރިންނާއި ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ ތަޢުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށާއި އެހެންކަމުން ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދެއްވި މި ބޮޑު އެހީތެރިކަމަށް ދިރާގުގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރަައްވާ ކަމަށެވެ.
"ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަޤީން" މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވި އެވެ.
ދިރާގުގެ ޑައިރެކްޓާރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގައި ޚާއްޞަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއް ކަމަށެވެ.
" މިގޮތުން އަޅުގަނޑުމެން އަބަދުވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޖުތަމަޢުތައް ބާރުވެރިކުރުމަށް އިސްކަމެއްދޭނަން." މިރުޝާން ވިދާޅުވި އެވެ.
ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު ވިދާޅުވީ ދިރާގުގެ އެއްބާރުލުމާއި ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށާއި މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސްކޫލްގެ މަޤްސަދެއްކަމަށްވާ އިންކްލޫސިވް އެޑިއުކޭޝަނަށް ވެސް ވަރަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.
