ހއ. ދިއްދޫ ބަނދަރާއި ޖެޓީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ %50 މަސައްކަތް ފުރިހަމަކުރެވިފައިވާއިރު، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވެސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ސައިޓުގައި މިހާރު ކުރިއަށްދަަނީ ބޭރު ތޮށީގެ ކޮންކްރީޓް މަސައްކަތާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިއީ 74.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.