ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު މެޗުތަކަށްފަހު ސްޓެލްކޯ ކްލަބާއި، އެމްޕީއެލް އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަދި ކްލަބް އެޗްޑީސީ ކުއާޓާ ފައިނަލްގެ ފަހު ޖާގަތައް ކަށަވަރުކޮށްފިއެވެ.
ސްޓެލްކޯ އިން ކްލަބް ފެން އަތުން 4-2 އިން މޮޅުވިއިރު، އެޗްޑީސީން ވަނީ 5-0 އިން ކްލަބް އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށްފައެވެ. މޯލްޑިވިއަން އަތުން އެމްޕީއެލް މޮޅުވީ 1-0 އިންނެވެ. ކްލަބް އެއާޕޯޓްސް އަތުން އެސްޓީއޯ މޮޅުވީ 4-1 އިންނެވެ.
ކުއާޓާގައި ސްޓެލްކޯއާ ދެކޮޅަށް އެޗްޑީސީ ނިކުންނައިރު، އެމްޕީއެލް ނިކުންނާނީ އެސްޓީއޯއާ ދެކޮޅަށެވެ. މި ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ.
ރޭގެ މެޗުގައި ސްޓެލްކޯ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން، އަލީ މާއިސް (މައްޓު) އާއި އިބްރާހިމް ރިމާހު (ރިމޭ) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. ފެން ކްލަބުގެ ލަނޑުތައް ޖަހައިދިނީ ސޮލާހު އަލީ އާއި ތޮލާލް ނަސީރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ މާއިސް (މައްޓު) އެވެ.
އެޗްޑީސީން ރޭގެ މެޗުގައި ޖެހި ފަސްލަނޑުގެ ތެރެއިން ދެ ލަނޑުޖަހައިދިނީ ސާމިން މުހައްމަދު ނަސީރު އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ވިސާމް އާއި އަކްރަމް އަބްދުލް ރަޝީދު އަދި ހުސެއިން ސުހެއިލް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ސާމިން އެވެ.
މޯލްޑިވިއަންއާ ދެކޮޅަށް އެމްޕީއެލް ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުޖަހައިދިނީ އަހުމަދު ހުސެއިން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެވެ. އޭނާ ވަނީ މި މެޗުގައި މޯލްޑިވިއަން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެސްޓީއޯ އިން ރޭގެ މެޗުގައި ކްލަބް އެއާޕޯޓްސް ކޮޅަށް ހަތަރު ލަނޑުޖެހިއިރު، އެ ޓީމުގެ ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ހެޓްރިކް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިސްމާއިލް އީސާ (މެސީ) އެވެ. އެއާޕޯޓްސްގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލީ އާމިރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ހުޒޭ އެވެ.
