ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު އިންޓަ މިލާނާއި ލިވަޕޫލުން އެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫސީއެލްގެ ގްރޫޕް ސްޓޭޖުން ކެޓުމުން ބާސެލޯނާ ޔުރޮޕާ ލީގުގައި ކުޅެން ޖެހިއްޖެއެވެ.

އަމިއްލަ ދަނޑުގައި 4-0 އިން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އަތުން މޮޅުވިއިރު، ރަށުން ބޭރުގައި އަޔެކްސް އެމްސްޓެޑަމް އަތުން ލިވަޕޫލް މޮޅުވީ 3-0 އިންނެވެ. ބާސެލޯނާގެ ދަނޑުގައި ބަޔާން މިއުނިކް އަތުން އެ ޓީމު ބަލިވީ ވެސް 3-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ސީ ގެ އެއްވަނައިގައި އުޅޭ ބަޔާން އަށް ފަސް މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު 15 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ ދެވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ. ބާސެލޯނާ އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އަށް ޕޮއިންޓެއް ނުލިބެއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއްނަގައިފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ ހެންރިކް މިކިތާރްޔަން އެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ އެޑިން ޖެކޯ އެވެ.

ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގެ ތެރެއިން. މި މެޗުން އިންޓަ މޮޅުވީ 4-0 އިން. --ފޮޓޯ: ޔުއެފާ

ދެވަނަ ހާފުގެ ކުރީކޮޅު އިންޓަގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ޖެކޯ އެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އިންޓަގެ ފަހު ލަނޑުޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ އަނިޔާއަށް ފަހު ކުޅުމަށް އެނބުރިއައިސް ލުކާކޫ ކުޅުނު ފުރަތަމަ މެޗެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި 3-0 އިން ބަޔާން މޮޅުވިއިރު، އެ ޓީމުގެ ތިން ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޖަރުމަނުގެ ވިންގާ ސާޖް ނެބްރީ އެވެ. މީގެތެރެއިން ދެ ލަނޑުޖެހީ ފުރަތަމަ ހާފުގައެވެ. ބަޔާނުން ލީޑްނެގީ 10 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި އެރިކް މެކްސިމް ޗޫޕޯ-މޯޓިންގެ ގޯލާއެކު ބަޔާނުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑުޖަހައިދިނީ ބެންޖަމިން ޕަވާޑް އެވެ.

ލިވަޕޫލުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ފަހު ހާފުގައެވެ. ރޭގެ މެޗުގައި ލިވަޕޫލަށް ލީޑްނަގައިދިނީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑާވިން ނޫނޭޒް އެވެ. އަދި އޭގެ ދެ މިނެޓުފަހުން، ހާވީ އެލިއަޓް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.

ރޭންޖާސް ކޮޅަށް ލަނޑުޖެހުމަށްފަހު ނަޕޯލީގެ ފޯވާޑް ޖިއޮވާނީ ސިމިއޯނީ އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ

ލިވަޕޫލް ހިމެނޭ ގްރޫޕު އޭ ގެ އެންމެ ކުރީގައި އުޅޭ ނަޕޯލީން ރޭ އަމިއްލަ ދަނޑުގައި ރޭންޖާސް އަތުން މޮޅުވީ 3-0 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ ޖިއޮވާނީ ސިމިއޯނީ އެވެ. ނަޕޯލީން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑުޖަހައިދިނީ ލިއޯ އޮސްޓިގާޑް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން 2-2 އިން އެއްވަރުވިއިރު، ޕޯޗުގަލްގެ އެފްސީ ޕޯޓޯ އިން ވަނީ ރަށުން ބޭރުގައި 4-0 އިން ބެލްޖިއަމްގެ ކްލަބް ބްރޫޖް ބަލިކޮށްފައެވެ. މި ގްރޫޕުން ދެވަނަ ބުރުން ޖާގަ ހޯދީ ބްރޫޖް އާއި ޕޯޓޯ އެވެ. އެތުލެޓިކޯ އާއި ލެވަކޫސަން ވާދަކުރަނީ ޔުރޮޕާ ލީގުގެ ޖާގައަށެވެ.

ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި 1-1 އިން ސްޕޯޓިން ލިޒްބަންއާ އެއްވަރުވިއިރު، އޮލިމްޕިކް މާސޭ އަތުން އެއިންޓްރަކް ފްރޭންކްފާޓް މޮޅުވީ 2-1 އިންނެވެ. ކޮންމެ ޓީމަކުން މި ގްރޫޕުގެ އެންމެ ފަހު މެޗުތަކާ ކުރިމަތިލާއިރު، ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެބައޮތެވެ.

މިހާތަނަށްއައިއިރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ބަޔާން، ބެންފީކާ، ޗެލްސީ، ބްރޫޖް، ބޮރޫޝިއާ ޑޯޓްމަންޑް، އިންޓަ، ލިވަޕޫލް، މެންޗެސްޓާ ސިޓީ، ނަޕޯލީ، ޕީއެސްޖީ އާއި ޕޯޓޯ އަދި ރެއާލް މެޑްރިޑެވެ.