މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، ސެމީ ފައިނަލްގައި ޓީމް ފެނަކައާ ކްލަބް ވެމްކޯ ބައްދަލުކުރަން ޖެހިއްޖެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން 5-3 އިން ވެމްކޯ ވަނީ މޮޅުވެފައެވެ. ދިވެހި ސިފައިންގެ ކްލަބް އަތުން ފެނަކަ މޮޅުވީ 4-0 އިންނެވެ.

އާރްއާރްސީއާ ވެމްކޯ ބައްދަލުކުރި މެޗުގައި ކުރީން ލީޑްނެގީ އާރްއާރްސީ އިންނެވެ. މެޗު ފެށިގެން 10 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޭގެ މިނެޓެއްގެ ތެރޭގައި ވެމްކޯ އަށް އެއްވަރުކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ވައްޖެ ވަނީ އިތުރު ލަނޑެއްޖަހައި، ވެމްކޯ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. ވެމްކޯ އިން ލީޑްނެގިތާ މިނެޓެއްގެ ތެރޭގައި އާރްއާރްސީން އެއްވަރުކުރިއެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ ހާއްޕެ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި އީރާންގެ އަލީ ހޮދަދާދީ ވަނީ ވެމްކޯގެ ލީޑް ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ހޮދަދާދީ ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ވެމްކޯގެ ފަސްވަނަ ލަނޑުޖަހައިދިނީ ކެޕްޓަން އަލީ ޝިޔާހު އެވެ. މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ހޮދަދާދީ އެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ސިފައިން އަތުން ފެނަކަ މޮޅުވިއިރު، އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ދެ ލަނޑުޖެހިއެވެ. މި ދެ ގޯލާއެކު މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އޮންލީ ވަނީ 10 ގޯލް ހަމަކޮށްފައެވެ.

ފެނަކަ އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 15 ވަނަ މިނެޓުގައި މުހައްމަދު އައްޒާމް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އޮންލީ އެވެ. އޭގެފަހުން، ފެނަކަ އިން ލީޑް ފުޅާކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ، މެޗުގެ 38 ވަނަ މިނެޓުގައި އަޔާޒް އަހުމަދު (އަޔާ) ދިން ޕާހަކުން އައްޒާމް ޖެހި ގޯލުންނެވެ.

އޭގެ މިނެޓެއްފަހުން، ސިފައިންގެ ޓީމު ފަސް ފައުލް ހަމަވުމުން ފެނަކަ އަށް ފޮނުވާލަން ލިބުނު ދުރު ޕެނަލްޓީއަކުން އަޔާ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. ފެނަކަ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އޮންލީ އެވެ. މިއީ ސިފައިންގެ ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޮންލީ ކާމިޔާބުކުރި ގޯލެކެވެ.