ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު އެ މުބާރާތުގެ ސެމީ ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެކޮޅަށް ކްލަބް އެޗްޑީސީ ނިކުންނަން ޖެހިއްޖެއެވެ.
މި މުބާރާތުގެ ކާމިޔާބު ޓީމު ކަމަށްވާ އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަތުން ޕެނަލްޓީޝޫޓްއައުޓްގައި 6-5 އިން އެމްޕީއެލް މޮޅުވިއިރު، ސްޓެލްކޯ ކްލަބް ކޮޅަށް ފަހު ސިކުންތުގައި ވައްދާލި ލަނޑާއެކު، 4-3 އިން އެޗްޑީސީ މޮޅުވެއްޖެއެވެ.
އެމްޕީއެލްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އެސްޓީއޯ އިން ލީޑްނެގީ 22 ވަނަ މިނެޓުގައި އަހުމަދު ޒިފާން އިބްރާހިމް ވައްދާލި ލަނޑުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެމްޕީއެލްގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ކައިރިން ވަން ފުރަތަމަ ގޯލެވެ.
މެޗުގެ 28 ވަނަ މިނެޓުގައި އެމްޕީއެލް އަށް އެއްވަރުކޮށްދިނީ މުހައްމަދު ސާދު ނިޒާރު އެވެ. އަދި އޭގެ ދެ މިނެޓުފަހުން، އަލީ ހައިސަމް (ޗުމްޕު) ވަނީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އަދި އޭގެ މާގިނައިރުތަކެއް ނުވަނީސް އެސްޓީއޯގެ އިސްމާއިލް އީސާ (މެސީ) ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ކުޑަ ވަގުތުކޮޅެއް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެކަމަކު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެސްޓީއޯގެ މުހައްމަދު އިމްރާން (އިންމި) ވައްދާލި ލަނޑާއެކު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖެހުމުގެ ކުރީން އެމްޕީއެލް އިން ވަނީ އެއްވަނަ ކީޕަރު ތާޑޭގެ ބަދަލުގައި ދެވަނަ ކީޕަރު ވިޝާން އަބްދުލް މަޖީދު ކުޅެން އަރުވާފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެސްޓީއޯގެ އަހުމަދު ޒިފާން އާއި މުހައްމަދު ސަނީމް ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުވާގޮތެއްނުވިއެވެ. އެ ޓީމުގެ ހަސަން މުހައްމަދު އާއި އިޔާން އަހުމަދު ރަޝީދު އަދި އިންމި ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.
އެމްޕީއެލް އިން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. މި ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުމަދު ހުސައިން އާއި ސާޖިދު ރަޝީދު އަދި މުހައްމަދު ޔަފާއު (ޔާ) އެވެ. އެ ޓީމަށް ނާކާމިޔާބުވީ ޗުމްޕު ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ފަހު ޕެނަލްޓީ ފޮނުވާލީ އަލީ ޝަމާލް އަބްދުﷲ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ސާދު އެވެ.
ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ފަހު މެޗުގެ ފުރަތަމަ 12 މިނެޓުގެ ތެރޭގައި އެޗްޑީސީން ވަނީ ދެލަނޑުގެ ލީޑެއްނަގައިފައެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، އަހުމަދު ސިޒާން ކަމިޔާބުކޮށްދިންއިރު، 12 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ދެވަނަ ލަނޑުޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ސްޓެލްކޯ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވީ މެޗުގެ 29 ވަނަ މިނެޓުގައެވެ. އަލީ މާއިސް (މައްޓު) ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ އިބްރާހިމް ރިމާހު (ރިމޭ) އެވެ. އަދި އޭގެ ހަތް މިނެޓުފަހުން، މުހައްމަދު ވިލްފް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެކަމަކު، އޭގެ މިނެޓެއްގެ ތެރޭގައި ސްޓެލްކޯގެ ފަސް ފައުލް ހަމަވުމުން ފޮނުވާލަން ލިބުނު ދުރު ޕެނަލްޓީއަކުން ޝާއްޕެ ވަނީ އެޗްޑީސީ އަށް އަލުން ލީޑްނަގައިދީފައެވެ.
އޭގެފަހުން، މެޗުގެ 39 ވަނަ މިނެޓުގައި އެޗްޑީސީގެ ފަސް ފައުލް ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއަކުން ރިމޭ ވަނީ ސްޓެލްކޯ އަށް އަނެއްކާވެސް އެއްވަރުކޮށްދީފައެވެ. އެޗްޑީސީ މޮޅުވި ލަނޑު، އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޝާއްޕެ އެވެ. މިއީ ސްޓެލްކޯ އިން ފައުލް ކުރިކަމަށް ނިންމައި، ރެފްރި ދިން ދުރު ޕެނަލްޓީ ޝާއްޕެ ފޮނުވާލުމުން ސްޓެލްކޯގެ ކީޕަރު ހުސެއިން ރިފާއު މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ޔާމިން މުހައްމަދު އަށް ލިބުމުން ޝާއްޕެ އަށް ޖައްސާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ޝާއްޕެ އެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކްލަބް ވެމްކޯއާ ދެކޮޅަށް ޓީމް ފެނަކަ ނިކުންނައިރު، ދެވަނަ ސެމީގައި އެޗްޑީސީ ނިކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ.
