ނ. މަަނަދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ އެރަށު ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ. އަދި 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ކޮންކްރީޓް ބްރިޖެއް ވެސް ހަދާނެ ކަމަށެވެ.

32.1 މިލިއަން ރުފިޔާގެ މި މަޝްރޫއު ގައި ރޭމްޕެއް ހަދައި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފަ އެވެ.