ކަލާރސް ޗެނަލުން ދައްކަމުން އަންނަ 'ބިގްބޮސް' ސީޒަނަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އަދި ހޯދަމުން އަންނަ ސިލްސިލާ އެވެ.

މިއީ ތަފާތުއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުން ގެނެސް "ބިގްބޮސް ހައުސް" ގައި ތިން މަސްދުވަހަށް ބައިތިއްބައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ސިލްސިލާގެ 16 ވަނަ ޕްރޮގްރާމު ފެށިގެން މިހާރުކުރިއަށްދާއިރު، 'ބިގްބޮސް ހައުސް' ގައި ތިބި ހުރިހާ ބައިވެރިން ވެސް އަދި ބެލުންތެރިންގެ ސަމާލުކަން އެންމެބޮޑަށް ހުއްޓިފައިވަނީ ތަޖަކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން އެންމެ 19 އަހަރުގެ އަބްދު ރޮޒިކް އަށެވެ.

އޭނާއަކީ ތަޖަކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒީޝަނެކެވެ. އަދި ބޮކްސަރެކެވެ. އަދި ބްލޮގަރެއްވެސް މެއެވެ.

ހިންދީ ބަހުން ވާހަކަދައްކަން އެހާ ރަނގަޅަށް ނޭނގުނަސް މަޝްހޫރު، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ސާޖިދު ޚާން ގެ އެހީތެރިކަމާއެކު 'ބިގްބޮސް ހައުސް' ގައި އަބްދު ވަނީ އޭނާގެ ހުނަރު ދައްކައި، އެންމެންގެ 'ފޭވަރިޓް" ގެ ގޮތުގައި ވެފަ އެވެ.

މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ފަންނާނުގެ ގޮތުގައި ވެސް ވެފައިވާ އަބްދު ގެ ގައިގާ ބައްދާލާ 'ހަގު' ކޮށްލުމަކީ 'ބިގްބޮސް ހައުސް' ގައި ތިބި ހުރިހާ ބައިވެރިން ވެސް ކޮންމެދުވަހަކު ވެސް އެންމެބޮޑަށް ކުރަން ބޭނުންވާ އެއްކަމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

އިސްކޮޅުގައި 94 ސެންޓިމީޓަރު ހުރި އަބްދު ރޮޒިކް އަކީ ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު ލަވަކިޔުންތެރިޔާގެ ލަގަބު އޮތް ފަރާތެވެ. ހޯމޯންސްތަކެއް ފެއިލްވެ، އަބްދު ހެދި ބޮޑުވުން ހުއްޓުނީ އުމުރުން ފަސް އަހަރުގަ އެވެ.

އުމުރުން ހަ އަހަރުގައި ލަވަކިޔަން ފެށި އަބްދުއަށް އެ ގައުމުގެ ބައެއް އެވޯޑުތައް ލިބިފައިވާއިރު، އޭނާ ލަވަކިޔުމުގެ ދާއިރާއިން ކުރިޔަށް ގޮސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއަށް ކުރި ދަތުރަކުން މުޅި ހަޔާތް ވަނީ ބަދަލުކޮށްލާފަ އެވެ.

ސޯޝަލް މީޑިއާ ގައި ނުފޫޒު ގަދަ އަބްދު ވަނީ އެ ދަތުރުގައި އޭއާރު ރަހްމާނާއި އެކު ޝޯވ އެއް ދީފަ އެވެ. އަދި ސަލްމާން ޚާނާއި ބައްދަލުކޮށް މީޑިއާގެ ފަލަ ސުރުޚީތަކަށް އަރައި، އިންޑިއާގެ މަޝްހޫރު ގިނަ ބަޔަކާ ވެސް އޭނާ ވަނީ ބައްދަލު ކޮށްފަ އެވެ.

އަބްދުގެ މިލްކިއްޔާތުގައި 20 ކްރޯޑު އިންޑިއަން ރުޕީސް އެބަހުރި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.