3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ވިލުފުށީގައި ކޮންމެ އަހަރަކު ފޭސް ޖަމްޢިއްޔާއިން ރަށުގެ 4 ވިލާއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 2 އިން 11 އަށެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވިގެންދާނީ ވިލުފުށީ ޓާފް ދަނޑުގައެވެ.

މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ގްރޫޕުގެ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު ގްރޫޕުގެ އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޓީމު ރަތް ވިލާ އިން ނިކުންނާނީ ފެހި ވިލާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ނޫ ވިލާ ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަޅި ވިލާއާ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗް ޝެޑިއުލް. --

މި ފަހަރުގެ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަންބޮނޑިއެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.

އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ.

ފުޑް އެންޑް ބެވަރޭޖް ޕާޓްނަރެއްގެ ގޮތުގައި ސަލްސާ ބްލޫ ފެނިގެންދާއިރު، އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.