މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ކުޅުނު މެޗުތަކަށްފަހު، އެ މުބާރާތުގެ ފައިނަލްގައި ޓީމް ފެނަކައާ މުބާރާތުގެ ދެވަނަ އަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކުރަން ޖެހިއްޖެއެވެ. 

ކްލަބް ވެމްކޯ އަތުން 5-3 އިން ފެނަކަ މޮޅުވިއިރު، އެމްޕީއެލް އިން ފައިނަލަށް ދަތުރުކުރީ ޕެނަލްޓީޖަހައިގެން 7-6 އިން ކްލަބް އެޗްޑީސީ ބަލިކޮށްގެންނެވެ. މިއީ މި މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ވެމްކޯ ކޮޅަށް ފެނަކަ އިން ވަނީ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހައިފައެވެ. އެ ޓީމަށް މި ތިން ލަނޑުޖަހައިދިނީ ވެސް އަޔާޒު އަހުމަދު (އަޔާ) އެވެ. މި މެޗުގައި ފެނަކަ އިން ޖެހި އަނެއް ދެލަނޑު، ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. މިއާއެކު، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮންލީ އުޅެނީ 12 ލަނޑާއެކު އެވެ.

ވެމްކޯ އިން މެޗުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމުން ފުރަތަމަ ގޯލެއް ކާމިޔާބުކުރީ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ޝައްފާން (ޝާކާ) އެވެ. މިއީ މި މުބާރާތުގެ ނޮކްއައުޓް ބުރުގައި ފެނަކަ ކޮޅަށް ވަތް ފުރަތަމަ ގޯލެވެ. މެޗުގެ 33 ވަނަ މިނެޓުގައި ވެމްކޯގެ ދެވަނަ ލަނޑުޖެހީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އަދި އޭގެފަހުން، މެޗުގެ 37 ވަނަ މިނެޓުގައި ފޭދޫ އިއްބެ ވަނީ އިތުރު ގޯލެއްޖަހައި، ވެމްކޯ އަށް އުއްމީދު އާކޮށްދީފައެވެ. މެޗު ނިމިގެންދިޔައީ ވެމްކޯ އަށް އިތުރު ގޯލެއް ކާމިޔާބުނުކުރެވިއެވެ.

މި މުބާރާތުގައި މިރޭ ކުޅެވުނު ސެމީގެ ދެވަނަ މެޗުގައި އެޗްޑީސީއާ ދެކޮޅަށް އެމްޕީއެލް ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ. މިއާއެކު، ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އެޗްޑީސީން މިރޭގެ މެޗުގައި ލީޑްނެގީ ފަސްވަނަ މިނެޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވައްދާލި ލަނޑުންނެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ކާމިޔާބުކުރި ގޯލާއެކު އެޗްޑީސީން ލީޑް ފުޅާކުރިއެވެ. އަދި އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ދާދު ވަނީ އިތުރު ގޯލެއްޖަހައި، ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މުޅި މެޗުގެ ބޮޑުބައިގައި އެޗްޑީސީން ލީޑް ކުރަމުންދަނިކޮށް، އެމްޕީއެލް އިން ނަތީޖާ އަނބުރާލީ ފަހު ތިން މިނެޓުގައި ވައްދާލި ލަނޑުތަކުންނެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު، 38 ވަނަ މިނެޓުގައި އަލީ ހައިސަމް (ޗުމްޕު) ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއްފަހުން އެޗްޑީސީގެ ފަސް ފައުލް ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއަކުން ޗުމްޕު ވަނީ އެމްޕީއެލް އަށް ފަރަގު ކުޑަކޮށްދީފައެވެ. ނަތީޖާ މިގޮތަށް އޮވެ، ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެމްޕީއެލް އަށް އެއްވަރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމުގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އެޗްޑީސީގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެއީ ޝާއްޕެ އާއި ސާމިން މުހައްމަދު ނަސީރު އަދި ހުސެއިން މިފްރާހު ވަހީދު އެވެ. އެ ޓީމުގެ ހުސެއިން ސުހެއިލް އާއި މުހައްމަދު ސުޖާން އަހުމަދު ފޮނުވާލި ޕެނަލްޓީތައް އެމްޕީއެލްގެ ކީޕަރު ވިޝާން އަބްދުލް މަޖީދު މަތަކުރިއެވެ.

އެމްޕީއެލް އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ ސާޖިދު ރަޝީދު ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ހުސެއިން، މުހައްމަދު ޔަފާއު (ޔާ) އާއި އަހުމަދު ނިޒާމް އަދި އަލީ ޝަމާލް އަބްދުﷲ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ޗުމްޕު އެވެ.