ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ރަސްމީކޮށް ބ. ކުޑަރިކިލުގައި އިފްތިތާހްކޮށްފި އެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ކުޑަރިކިލުގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކައި އެއްކޮށެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެ އެވެ. މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 98 ރަށެއް ހިމެނެ އެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދެ އެވެ.
