2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އެކުލަވާލި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފި އެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ހުށަހަޅުއްވައިދެއްވާފައިވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

މިއީ މިހިނގާ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށްވުރެ 4.0 އިންސައްތަ ދަށް އަދަދެކެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ޚަރަދަކީ 40.6 ބިލިއަން ރުފިޔާއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 67 އިންސައްތައަކީ ރިކަރަންޓް ޚަރަދެވެ. އަދި ބަޖެޓުގެ 33 އިންސައްތައަކީ ކެޕިޓަލް ޚަރަދެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން ބޮޑު ޚަރަދެއް ހިނގާނެކަމަށް އަންދާޒާކުރެވެނީ މުވައްޒަފުންނަށް ހިނގާ ޚަރަދަށާއި އެކިއެކި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުތަކަށާއި ހިދުމަތް ދިނުމުގެ ބޭނުމުގައި ހޯދާ ތަކެއްޗަށް ހިނގާ ޚަރަދުތަކަށެވެ.

އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ޕަބްލިކް އިންފްރާސްޓްރަކްޗަރ ޕްރޮގްރާމަށް ހަރަދުކުރުމަށް ނިންމާފައިވެއެވެ. މީގެ ތެރޭގައި ތިލަމާލެ ބްރިޖު އަދި ގުޅިފަޅު ޕޯޓު މަޝްރޫއާއި އެކި ރަށްތަކުގައި ފެނާއި ނަރުދަމާ އަދި ބަނދަރުހެދުމުގެ މަޝްރޫއުތަކަކަށް ވަނީ ބަޖެޓުކޮށްފައެވެ.

ކެޕިޓަލް ޚަރަދުގެ ތެރެއިން ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ބަޖެޓުގައި ނިންމާފައިވަނީ ލޯނު އަނބުރާ ދެއްކުމަށެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދެވެ. މިބަޔަށް ކުރާ ޚަރަދުތައް ބޮޑުވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށްކުރާ ޚަރަދުތައް މިބައިގައި ހިމެނޭތީކަމަށް ބަޖެޓުގައިވެއެވެ. މިގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި ގުޅިފަޅު ބިންހިއްކުން އަދި ޕޯޓާއެކު ރަށްތަކުގައި އަލަށްފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ
މަޝްރޫއުތައް ހިމެނެއެވެ.

ބަޖެޓުގައިވާ ގޮތުން ދެން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ދަރަނީގެ ހިދުމަތަށާއި ދަރަނި އަދާކުރުމަށެވެ. މީގެ ތެރެއިން 2023 ވަނަ އަހަރު ޖުމުލަ ބަޖެޓުގެ 8.1 އިންސައްތަ ހިއްސާކުރަނީ ދަރަނީގެ ހިދުމަތުގެ އަގު އަދާކުރުމަށްކަމަށް ވެއެވެ.