ހާއްސަ ޑިސްކައުންޓުތަކާއެކު އެމްޓީސީސީ ކަށަވަރު ޕްރޮމޯ ފަށައިފި އެވެ.
މިއަދުން ފެށިގެން ޑިސެމްބަރ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު އެ ކުންފުނިން ބާއްވަމުން އަންނަ ޕްރޮމޯޝަނެކެވެ.
އެމްޓީސީސީން ބުނީ، އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކުން ހާއްސަ، އަގުހުރި ޑިސްކައުންޓުތަކެއް ދިނުމަށް ބާއްވާ މި ޕްރޮމޯޝަންގައި ޔަންމާ އަދި ސުޒުކީ އިންޖީނުތަކުގެ ތެރެއިން ހޮވައިލެވޭ އިންޖީނުތަކަކުން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އިންޖީނުގެ ސްޕެއަރޕާޓްސް އިން ވެސް ޑިސްކައުންޓު ލިބޭއިރު، އަޑީތެލާއި ދަވާދު އަދި ކޯޓިންގސް އާއި އިންޑަސްޓްރިއަލް ގޭހުން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މާރޯ ސްޓެއަރިންގ ސިސްޓަމުން ވެސް ޑިސްކައުންޓު ލިބޭނެކަމަށް ބުންޏެވެ.
އެކި މުދަލުން ލިބޭނީ އެކިވަރުގެ ޑިސްކައުންޓު ކަމަށާއި ސުޒުކީ އިންޖީނުތަކުން 10 ޕަސެންޓު އަދި ޔަންމާ އިންޖީނުތަކުން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ސްޕެއަރޕާޓްސް އިން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް ބުންޏެވެ.
އެ ކުންފުނިން ވިދާޅުވީ ޕްރޮމޯޝަންގެ ތެރޭގައި ހާއްސަ އިވެންޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން މާލޭގެ ބަނދަރު ސަރަހައްދާއި ވަކި އަތޮޅުތަކެއްގައި އިވެންޓުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރ. އަތޮޅާއި ތ. އަތޮޅާއި ށ. އަތޮޅުގެ ވަކި ރަށްތަކަކަށް އެ ކުންފުނީގެ ޓީމުތައް ގޮސް، އެރަށްތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް، ޕްރޮމޯޝަންގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
މި ޕްރޮމޯޝަންގައި ކޮންމެ 5000 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 2.5 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ފަރާތަކަށް 35 ހޯސްޕަވަރުގެ ޔަންމާ އިންޖީނެއް ލިބޭނެ އެވެ. މިއީ 2 ލައްކަ ރުފިޔާގެ އަގުހުރި އިންޖީނެކެވެ.
