ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކަށްފަހު، ޕޯޗުގަލްގެ އެފްސީ ޕޯޓޯ އާއި އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާ އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ކަޓައިފިއެވެ.
އަމިއްލަ ދަނޑުގައި 2-1 އިން އެތުލެޓިކޯ އަތުން ޕޯޓޯ މޮޅުވިއިރު، ފްރާންސްގެ އޮލިމްޕިކް މާސޭގެ ދަނޑުގައި ޓޮޓެންހަމް މޮޅުވީ ވެސް 2-1 އިންނެވެ.
ރޭގެ ނަތީޖާއަށްފަހު ޕޯޓޯ ހިމެނޭ ގްރޫޕް ބީ ގެ އެއްވަނަ އެ ޓީމަށް ލިބުނީ ހަ މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ކްލަބް ބްރޫޖަށް ލިބުނީ 11 ޕޮއިންޓެވެ. ތިންވަނަ ޓީމުގެ ގޮތުގައި ބަޔާ ލެވަކޫސަން އަށް ލިބުނު 5 ޕޮއިންޓާއެކު ޔުރޮޕާ ލީގުން ފުރުޞަތު ހޯދިއެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ހެޑްޓުހެޑް ރެކޯޑުން އެންމެ ފުލުގައި އޮވެ، ނިންމާލި އެތުލެޓިކޯ އަށް މި ފަހަރު ޔޫރަޕްގެ މުބާރާތެއްގައި ދެން ކުޅުމުގެ ފުރުޞަތެއް ނެތެވެ.
ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ އީރާންގެ އިތުބާރު ފޯވާޑް މެހްދީ ތަރޭމީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޖެހި ފަސްވަނަ ލަނޑެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ސްޓެފަން އުއެސްޓަކީއޯ ވައްދާލި ލަނޑާއެކު ޕޯޓޯ އިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. މެޗުގެ އިތުރުވަގުތުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ގޯލަކީ ޕޯޓޯގެ އީވާން މަރްކާނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި ލެވަކޫސަންގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 ބްރޫޖްއާ އެއްވަރުވެގެންނެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ފަހު މިނެޓު ކޮޅުގެ ތެރޭގައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދީފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ޑާވިން ނޫނޭޒް އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ނަޕޯލީ ބަލިވި ފުރަތަމަ މެޗެވެ.
ގްރޫޕް އޭ ގައި ހިމެނޭ ނަޕޯލީ އަށް އެއްވަނަ ލިބުނީ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރިލިބުނީ ހެޑްޓުހެޑް ރެކޯޑުންނެވެ. ރަށުން ބޭރުގައި ރޭންޖާސް އަތުން 3-1 އިން ހޯދީ މޮޅާއެކު އަޔެކްސް އެމްސްޓެޑަމް ވަނީ ހަ ޕޮއިންޓާއެކު ތިންވަނަ ހޯދައި، ޔުރޮޕާ ލީގުން ޖާގަ ކަށަވަރުކޮށްފައެވެ. ރޭންޖާސް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކާ ކުރިމަތިލިއިރު، އެންމެ ފޯރިގަދަކޮށް އޮތް ގްރޫޕް ޑީ ގައި ހިމެނޭ ހަތަރު ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ދޮރު އޮތީ ހުޅުވިފައެވެ. މި ގްރޫޕުގެ އެއްވަނަ މަގާމު ހޯދީ ރޭ ރަށުން ބޭރުގައި މާސޭ އަތުން ހޯދީ މޮޅާއެކު ޓޮޓެންހަމެވެ. އެ ޓީމަށް 11 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ހޯދީ ސްޕޯޓިން ލިޒްބަން 2-1 އިން ބަލިކުރި އެއިންޓްރަކް ފްރޭންކްފާޓް އެވެ. އެ ޓީމަށް ލިބުނީ 10 ޕޮއިންޓެވެ. ސްޕޯޓިން އަށް ތިންވަނަ ލިބުނީ ހަތް ޕޮއިންޓާއެކު އެވެ. މާސޭ ފުލަށް ދިޔައީ ހަ ޕޮއިންޓް ލިބިގެންނެވެ.
މާސޭގެ ސްޓޭޑް ވެލޮޑްރޯމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޗަންސެލް އެމްބެމްބާ އެވެ. މާސޭ އިން ޑޮމިނޭޓްކުރަމުންދިޔަ މި މެޗުގައި ޓޮޓެންހަމުން ޖެހި ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޓޮޓެންހަމް މޮޅުކޮށްދިނީ ޕިއޭ-އެމީލް ހޮއިބިއޭ އެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބަޔާން މިއުނިކުން 2-0 އިން އިންޓަ މިލާން އަތުން ހޯދީ މޮޅާއެކު ގްރޫޕް ސްޓޭޖް ނިންމާލީ ސައްތައިން ސައްތައިގެ ރެކޯޑާއެކު އެވެ. އެ ޓީމުގެ ލަނޑުތައްޖަހައިދިނީ ބެންޖަމިން ޕަވާޑް އާއި އެރިކް މެކްސިމް ޗޫޕޯ-މޯޓިން އެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެދުގައި ކުޅެވުނު މެޗުން ބާސެލޯނާ އިން ވަނީ ބަދަލުތަކާއެކު ނިކުމެ ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފައެވެ. މި މެޗުގައި ބާސެލޯނާގެ ފެރާން ޓޮރޭޒް ދެލަނޑުޖެހިއިރު، އަނެއް ދެލަނޑުޖަހައިދިނީ މާކަސް އަލޮންސޯ އާއި ޕަބްލޯ ޓޯރޭ އެވެ. ޕްލެޒެންގެ ދެލަނޑުވެސް ޖަހައިދިނީ ތޯމަސް ޗޯރީ އެވެ.
