އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މޮބިލައިޒް ކުރީ މިދިޔަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 6,770 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެނ އެވެ. އަދި 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ.
މީގެ އިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީ އެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ 53.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
