ބޮލީވުޑް ކިންގ ޝާހްރުކް ޚާންގެ އުފަންދުވަހާ ދިމާކޮށް އޭނާގެ ކުރިއަށް އޮތް ފިލްމު "ޕަޓާން"ގެ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީޒާ ދޫކޮށްލާފައިވާއިރު މިއަދަކީ އޭނާއަށް 57 އަހަރު ފުރޭ އުފަންދުވަހެވެ. 

"ޕަޓާން" ރިލީޒްކުރަން ބާކީ މިއޮތީ ދެން ގާތްގަނޑަކަށް 2 މަހެއްހާ ދުވަހެވެ. އެހެނީ ފިލްމު ރިލީޒްކުރާނީ 2023 ޖަނަވަރީ 25ގައެވެ. 

ޝާހްރުކަށް 57 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު މިއަހަރުގެ ޖޫން މަހު ވަނީ އޭނާ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 30 އަހަރުފުރުން ވެސް ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ދާއިރާގައި 'އެކްޝަން ހީރޯ'އަކަށް ވުމީ ޢުމުރުން 20ގެ އަހަރުތަކުގެ ތެރޭގައި ޙާޞިލްކުރަން ބޭނުންވި ލަނޑުދަނޑިއެއް ކަމެވެ. ނަމަވެސް 56 އަހަރުވީފަހުން ވިޔަސް މިފަދަ ފިލްމަކުން އެންމެ ބޭނުންވާ ރޯލު ލިބިގެންދިޔުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. 

ޝާހްރުކް އިތުރަށް ވާހަކަ ދައްކަމުން ބުނީ "ޕަޓާން"ގެ ޝޫޓިންގތައް ކުރިއަށް ދިޔަ ދުވަސްކޮޅަކީ ވަރަށް ވެސް މަޖާ ދުވަސްކޮޅެއް ކަމަށެވެ. އަދި ދީޕިކާ ޕަދުކޯންއާއި ޖޯން އަބްރަހަމާއި އަޝުތޯޝް ރާނާ ފަދަ ކޯ-އެކްޓަރުންނާއެކީ ހޭދަކުރި އެ ވަޤުތުތަކަކީ ވަރަށް ވެސް ހިތްއުފާ ކުރުވި ވަޤުތުތަކެއް ކަމަށެވެ. 

ޝާހްރުކްގެ ފޭނުންނާއި އެތައް އެކްޓަރުންނެއް ވެސް ދަނީ ސޯޝަލް މީޑިއާގައި ޝާހްރުކަށް އުފަންދުވަހުގެ ތަހުނިޔާތައް ފޮނުވަމުންނެވެ. އެގޮތުން ފަރާހް ޚާން ވެސް އިންސްޓަގްރާމްގައި ވަނީ ޝާހްރުކް ޚާނަށް ޓެގްކޮށް ތަހުނިޔާ ކިޔައިފައެވެ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Farah Khan Kunder (@farahkhankunder)

ޢުމުރުން 57 އަހަރު ވީއިރު 92 ފިލްމަކަށް އެކްޓްކޮށްފައިވާ ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް ވަނީ އުފަންދުވަހުގެ ތަހުނިޔާގެ މެސެޖު އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ޝާހްރުކަށް ފޮނުވައިފައެވެ.

ޝާހްރުކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕަޓާން"ގެ އިތުރުން "ޖަވާން"އާއި "ޑުންކީ" ހިމެނެއެވެ.