ޏ. ފުވައްމުލައް ރިންގް ރޯޑު މަޝްރޫޢުގެ މަސައްކަތުގެ %83 ވަނީ ނިމިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ޕޭވިންގ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %41 މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ.
މި މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމަކާއެކު 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 144 ލެޑް މަގުބައްތި ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 32.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 29 މާރޗް 2020 ގައެވެ.
