3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރަތް ވިލާއާ ފެހި ވިލާ 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ތ. އަތޮޅު ވިލުފުށީގައި ކޮންމެ އަހަރަކު ފޭސް ޖަމްޢިއްޔާއިން ރަށުގެ 4 ވިލާއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ މި މަހުގެ 2 އިން 11 އަށެވެ.

މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު ގްރޫޕުގެ އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.

ވިލުފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 8 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ރަތް ވިލާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށާއި މާޒިޔާ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ މުހައްމަދު އިރުފާން (އިރޭ) އެވެ. އިރޭ މި ލަނޑުޖެހީ ރަތް ވިލާ ޓީމުގެ ކެޕްޓަން އަބްދުﷲ ފައުޒާން (ފައުޑީ) ނެގި ކޯނަރަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަސަން ޝަހީލް (ވ) އެވޯޑާ ހަވާލުވަނީ. --ފޮޓޯ: ފޭސް 

އޭގެ ހަ މިނެޓު ފަހުން، ފެހި ވިލާ ޓީމުގެ ހަސަން ޝަހީލް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ. އެކަމަކު، އޭގެފަހުން މެޗުގެ 20 ވަނަ މިނެޓުގައި ރަތް ވިލާ ޓީމުގެ ކެޕްޓަން ފައުޒާން (ފައުޑީ) ވަނީ ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލަކުން އެ ޓީމަށް އަލުން ލީޑްނަގައިދީފައެވެ. ފައުޒާން އަކީ ކުރީން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރީން، މުހައްމަދު ނަޝީދު ވަނީ ފެހި ވިލާ ޓީމަށް އަލުން އެއްވަރުކޮށްދީފައެވެ. މި ނަތީޖާގައި އޮވެ، ފުރަތަމަ ހާފު ނިމިގެންދިޔައިރު، މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ގޯލެއް ޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތެއްނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެހި ވިލާ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިން ޝަހީލް އެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަޅި ވިލާ ނިކުންނާނީ ނޫ ވިލާއާ ދެކޮޅަށެވެ.