މިހާރު ކުރިއަށްދާ 3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ނޫވިލާއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ ކުޅުނު މެޗުން 1-1 އިން އެއްވަރުވެއްޖެއެވެ.
ތ. އަތޮޅު ވިލުފުށީގައި ކޮންމެ އަހަރަކު ފޭސް ޖަމްޢިއްޔާއިން ރަށުގެ 4 ވިލާއަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ މި މަހުގެ 2 އިން 11 އަށެވެ.
މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު ގްރޫޕުގެ އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.
ވިލުފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އަޅިވިލާ އަށް ލީޑްނަގައިދިނީ އަހުމަދު ރައްޔާން އެވެ. މި ހާފު ނިމުނީ 1-0 އިން އަޅިވިލާ ކުރީގަ އޮވެގެންނެވެ.
ނޫވިލާ އިން އެއްވަރުކުރި ލަނޑަކީ، 63 ވަނަ މިނެޓުގައި އަޅިވިލާގެ ހުސެއިން ރިފާއު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޅިވިލާގެ އާދަމް ނާސިހު (އާދަންނާ) އެވެ. އާދަންނާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އިިތުރުން ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.
މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނޫވިލާ ނިކުންނާނީ ރަތް ވިލާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ހަވީރު 3:50 ގައެވެ.
