ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ރޭ މިދިިޔަ ތިން އަހަރުގެ ޗެމްޕިއަން އެމްޕީއެލް ބަލިކުރުމަށްފަހު ދިވެހި ސިފައިންގެ ކްލަބުން އެ މުބާރާތުގެ ތަށި ތިންވަނަ ފަހަރަށް އުފުލާލައިފިއެވެ. ރޭގެ މެޗުން ސިފައިން މޮޅުވީ 10-2 އިންނެވެ.

މީގެކުރީން، ސިފައިން ވަނީ 2013 އާއި 2014 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިއާއެކު، އެ ޓީމުން ވަނީ މި މުބާރާތުގެ ދެވަނަ އަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެމްޕީއެލްއާ އެއްވަރަށް ތިން ތަށި ހޯދައިފައެވެ. ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަނުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު އެ މުބާރާތުގެ ތަށި އުފުލާލައިފައިވާ ކްލަބް އިމިގްރޭޝަން އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ ތިން ލަނޑުގެ ލީޑެއްނަގައިފައެވެ. މެޗުގެ 4 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ ފާތިމަތު ތީބާ އެވެ. އަދި އޭގެ ފަސް މިނެޓުފަހުން، ތީބާ ވަނީ އިތުރު ގޯލެއްޖަހައި ދިވެހި ސިފައިންގެ ކްލަބުގެ ލީޑް ފުޅާކޮށްދީފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ކެޕްޓަން އައިމިނަތު ޒާހިޔާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ދިވެހި ސިފައިންގެ ކްލަބުގެ ފަސް ފައުލް ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއަކުން އެމްޕީއެލްގެ ގޯލްކީޕަރު ސަސިޕްރަޕާ ސުކްސެން ވަނީ އެ ޓީމަށް ލަނޑެއްޖަހައިދީފައެވެ. އަދި އޭގެފަހުން، ސިފައިންގެ ޓީމުން ކުރި އިތުރު ފައުލަކަށް ލިބުނު ދުރު ޕެނަލްޓީ އެމްޕީއެލްގެ ކީޕަރު ސަސިޕްރަޕާ ފޮނުވާލުމުން ސިފައިންގެ ޓީމުގެ ގޯލްކީޕަރު ސާއިގާ ހުސެއިން ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި އެމްޕީއެލްގެ އައިމިނަތު ޝާމިލާ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ ސިފައިންގެ ޓީމުގެ ސަބީނާ ހަތުން ފޮނުވާލުމުން ކީޕަރު ސަސިޕްރަޕާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން ސަބީނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. އަދި އޭގެފަހުން، ހަތް މިނެޓުގެ ތެރޭގައި ޖެހި ދެލަނޑާއެކު ސަބީނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ސިފައިންގެ ޓީމުން މި މެޗުގައި ޖެހި ހަތްވަނަ ލަނޑު، ތީބާ ކާމިޔާބުކޮށް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން، އެ ޓީމުގެ މަރިޔަމް ރިފާ އާއި ސަބީނާ އިތުރު ގޯލެއްޖަހައި ވަނީ ނަތީޖާ 9-1 އަށް ބަދަލުކޮށްލާފައެވެ.

އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އެމްޕީއެލްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް އެ ޓީމުގެ ކީޕަރު ސަސިޕްރަޕާ އެވެ. މިއީ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާއަކުން ސަސިޕްރަޕާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މެޗު ނިމުމުގެ ކުރީން ސިފައިންގެ ޓީމުގެ މަޓްސުޝީމާ ސުމައްޔާ ވަނީ އިތުރު ގޯލެއްޖަހައިދީ، އެ ޓީމުގެ ލީޑް ދަމަހައްޓައިދީފައެވެ.

މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ވެސް ހާސިލްކުރީ ސިފައިންގެ ޓީމުގެ ސަބީނާ އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 21 ލަނޑުޖަހައިފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ސިފައިންގެ ޓީމުގެ އަހުމަދު ތޯހާ ހޮވުނުއިރު، ފެއާ ޕްލޭ ޓީމުގެ މަގާމަށް ހޮވުނީ ކްލަބް ވެމްކޯ އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް ސިފައިންގެ ޓީމުގެ ތީބާ ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ؛ ސިފައިންގެ ޓީމުގެ ސަބީނާ އާއި ސުމައްޔާ އަދި ސާއިގާގެ އިތުރުން އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ސާލިޔާ އަދި މިސް ނަޓަމޯން އާޓްކުލާ އެވެ.