މިހާރު ކުރިއަށްދާ 3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހުވަގުތު ނޫވިލާގެ އާދަމް ޝަހީމް ވައްދާލި ލަނޑާއެކު ރަތްވިލާ އަތުން ބަލިނުވެ، އެ ޓީމު ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ތާވަލްގެ އެންމެ ކުރީގައި އުޅޭ ނޫވިލާ އާއި ރަތްވިލާ އަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ރަތްވިލާ އަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ފެހިވިލާ އާއި އަޅިވިލާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު ގްރޫޕުގެ އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.

ވިލުފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ކުރީން ލީޑްނެގީ ރަތްވިލާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަބްދުﷲ ފައުޒާން (ފައުޑީ) އެވެ. މިއީ މިފަހަރުގެ މުބާރާތުގައި ފައުޒާން (ފައުޑީ) ޖެހި ދެވަނަ ގޯލެވެ.

އޭގެ 10 މިނެޓުފަހުން، ނޫވިލާ ޓީމަށް އެއްވަރުކޮށްދިނީ ކުރީން ކުޑަހުވަދޫ ޓީމަށާއި ނިއު ރޭޑިއަންޓް އަށް ކުޅުނު އާދަމް ޝަހީމް (އާނާ) އެވެ. މި ލަނޑުޖެހިތާ ހަތް މިނެޓުފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ރަތްވިލާގެ އިބްރާހިމް ރައްޒާން ވަނީ އެ ޓީމަށް އަލުން ލީޑްނަގައިދީފައެވެ.

ނޫވިލާއާ ދެކޮޅަށް ރަތްވިލާ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާދަމް ޝަހީމް (އާނާ) އެވޯޑާ ހަވާލުވަނީ. --ފޮޓޯ: ފޭސް

މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާނާ ވަނީ ނޫވިލާ އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އާނާ އެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.

މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ ނިކުންނާނީ ފެހި ވިލާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ހަވީރު 3:50 ގައެވެ.