މިހާރު ކުރިއަށްދާ 3 ވަނަ ފޭސް މަސްވެރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އަޅިވިލާ ކުޅުނު ދެވަނަ މެޗުގައި ފެހިވިލާއާ 1-1 އިން އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެކަމަކު، ޖެހި ގޯލްގެ ތަފާތުން ތާވަލްގެ އެންމެ ކުރީގައި އުޅެނީ ރަތް ވިލާ އާއި ނޫވިލާ އަދި ފެހިވިލާ އެވެ. އަޅިވިލާ އޮތީ އެންމެ ފުލުގައެވެ.

މި މުބާރާތުގައި އަޅިވިލާ ކުޅުނު ފުރަތަމަ މެޗުގައި 1-1 އިން ނޫވިލާއާ ވަނީ އެއްވަރުވެފައެވެ. މިއާއެކު، އެ ޓީމަށް މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދިއުމަށްޓަކައި ފަހު މެޗުގައި ރަތްވިލާ އަތުން މޮޅެއް ހޯދުން ނޫން ގޮތެއްނެތެވެ.

މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން ކުޅޭ ބުރުގައި އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. މި ބުރު ނިމޭއިރު ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެވޭނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގު ބުރު ނިމޭއިރު ގްރޫޕުގެ އެންމެ ފުލަށްދާ ޓީމު ކަޓާނެއެވެ.

ވިލުފުށީ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. މެޗުގެ 67 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ފެހިވިލާ އިންނެވެ. މިއީ އަޅިވިލާގެ ނައްފާހު އަބްދުލް ޤާދިރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަޅިވިލާގެ އަހުމަދު ރައްޔާން (ވ) އެވޯޑާ ހަވާލުވަނީ. --ފޮޓޯ: ފޭސް

މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އަޅިވިލާ އަށް އެއްވަރުކޮށްދިނީ އަހުމަދު ރައްޔާން އެވެ. މިއީ މި މުބާރާތުގައި ރައްޔާން ޖެހި ދެވަނަ ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ރައްޔާން އެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. މެއިން ސްޕޮންސަރެއްގެ ގޮތުގައި ފަންބޮނޑި ކަނޑައަޅާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ތީރު މީޑިއާ" އެވެ.

މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޗިޕޫސް އިންވެސްޓްމަންޓް، ސެލެކް ކެފޭ އާއި މީޑިއާ ކަނެކްޓް ވަނީ ހަމަޖައްސާފައެވެ. ފުޑް އެންޑް ބެވަރޭޖް ޕާޓްނަރަކީ ސަލްސާ ބްލޫ އެވެ. އޮފިޝަލް ޓްރެވަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރިލެކްސް ފެރީ ސާވިސް އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އަޅިވިލާ ނިކުންނާނީ ރަތް ވިލާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ހަވީރު 3:50 ގައެވެ.