ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ހުސެއިން ޝަރީފް ވައްދާލި ލަނޑާއެކު 2-1 އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް ޓީމު ފެނަކަ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ފެނަކަ އިން އެ މުބާރާތުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ޓީމުން ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

ފެނަކަ ޓީމުން މިރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ ފަހެއްގެ ތެރޭގައި ހިމެނޭ އަޔާޒް އަހުމަދު (އަޔާ) ފެށީ ބެންޗުންނެވެ. އެއީ އެ ޓީމު އެންމެ ފަހުން ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އަޔާ އަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅު ނުވާތީވެ އެވެ. އަޔާގެ ބަދަލުގައި މެޗު ފެށީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އެމްޕީއެލް އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ އަލީ ޝަމާލް ޢަބްދުﷲ އެވެ.

އެމްޕީއެލް އިން ލަނޑުޖެހުމާއެކު ފެނަކަ އިން ވަނީ އަޔާ ކުޅެން އަރުވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ ފަހު ދިހަ މިނެޓާއި ކުރިމަތިލިއިރު އެމްޕީއެލް އިން ވަނީ ފަސް ފައުލް ހަމަވެފައެވެ. އެގޮތުން، ފުރަތަމަ ހާފު ނިމުމުގެ ކުރީން ދެ ފަހަރު މަތީން ފެނަކަ އަށް ދުރު ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު، އަޔާ ފޮނުވާލި ދެ ޕެނަލްޓީ ވެސް ކާމިޔާބުނުކުރެވުނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އެމްޕީއެލް ކުރީގަ އޮވެގެންނެވެ.

33 ވަނަ މިނެޓުގައި ފެނަކަ އަށް އެއްވަރުކޮށްދިނީ އަޔާ ދިން ބޯޅައަކުން މުހައްމަދު އައްޒާމް އެވެ. މީގެކުރިން، ގިނަ އަހަރުތަކެއްގައި އައްޒާމް ވަނީ އެމްޕީއެލް އަށް ކުޅެފައެވެ. އެހެންކަމުން، މި ގޯލް ޖެހުމަށް ފަހު އެ ޓީމަށް އޮތް އިހުތިރާމް ދައްކުވައިދިނުމުގެ ގޮތުން އައްޒާމް އުފާ ފާޅެއްނުކުރެއެވެ.

ފެނަކަ މޮޅުވި ލަނޑު، މެޗު ނިމެން 33 ސިކުންތަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އަޔާ ފޮނުވާލި ބޯޅައެއް އެމްޕީއެލްގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ އޮންލީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޮންލީ ޖެހި 13 ވަނަ ލަނޑެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ ވެސް އޮންލީ އެވެ.

މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ކިންގް"ގެ މަގާމު ހޯދީވެސް އަޔާ އެވެ. މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އަޔާގެ އިތުރުން ދެން ހިމެނުނީ އޮންލީ އާއި އެމްޕީއެލްގެ ކީޕަރު ފާތިހު (ތާޑޭ) އާއި މުހައްމަދު ސާދު ނިޒާރު އަދި ކްލަބް އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ފެއާ ޕްލޭ ޓީމަކަށް ވެމްކޯ ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ އެޗްޑީސީގެ ނާއިޒް ހަސަން (ދާދު) އެވެ. އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފެނަކަ އާއެކު ތަށި އުފުލާލި ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. މިއީ މި މަގާމަށް އަބޯ ޖެހިޖެހިގެން ހޮވުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އެ މަގާމު ހޯދީ އާރްއާރްސީ އަށް ތަށި ހޯދައިދީގެންނެވެ.